ނަވާޒް ޝަރީފް ޖަލުން ނެރުމުގައި ސައުދީއާ ޑީލެއް ނުހަދަން: ޕާކިސްތާން
ނަވާޒް ޝަރީފް ޖަލުން ނެރުމުގައި ސައުދީއާ ޑީލެއް ނުހަދަން: ޕާކިސްތާން

އިސްލާމްއާބާދު (ސެޕްޓެމްބަރު 21) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި އާއިލާގެ ބައެއް މެންބަރުންގެ މައްޗަށް އިއްވާފައިވާ ކޮރަޕްޝަނުގެ ޖަލު ހުކުމް ސަސްޕެންޑްކޮށް، ޖަލުން ނެރެފައި ވަނީ ސައުދީ އަރަބިއާއާ އެކު ހެދި ޑީލެއްގެ ދަށުން ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުގެ މިނިސްޓަރަކު ދޮގު ކުރައްވައިފި އެވެ.

އިސްލާމްއާާބާދުގެ ހައި ކޯޓުން ބުދަ ދުވަހު ވަނީ ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް އަދި ދަނބިދަރިކަލުން މުހައްމަދު ސަފްދާރު ޖަލުން ދޫކޮށްލަން އަންގައިފަ އެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ ނަވާޒް ޝަރީފް ދޫކޮށްލަން އެއްވެސް ގައުމަކުން އެދިފައި ނުވާ ކަމަށެވެ.

"ނަވާޒް ޝަރީފް އަކީ ސައުދީ އަރަބިއާ އަށް މުހިންމު ބޭފުޅެއް ނޫން،" ބޮޑު ވަޒީރު އިމްރާން ޚާން އާއި ސައުދީއާ ދެމެދު ޑީލެއް ހަދައިގެން ނަވާޒް ޝަރީފް ޖަލުން ނެރުނު ކަމަށް ބުނާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޗައުދަރީ ވިދާޅުވި އެވެ.

އިމްރާން ޚާން ދާދި ފަހުން ވަނީ ސައުދީ އަށް ވަޑައިގެން ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު އާ ބައްދަލު ކުރައްވައިފަ އެވެ. ޗައުދަރީ ވިދާޅުވީ ސައުދީގެ ވެރިންނާ އެކު އިމްރާން ޚާން ބޭއްވި ބައްދަލުންތަކުގައި ނަވާޒް ޝަރީފްއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

ޑޯން ނޫހުން ބުނެފައި ވަނީ ޕަރްވޭޒް މުޝައްރަފްގެ ވެރިކަމުގައި ވެސް ނަވާޒް ޝަރީފް ޖަލުން ނެރެފައި ވަނީ ސައުދީ އަރަބިއާ މެދުވެރިވެގެން ކަމަށެވެ. އެ ފަހަރު ޖަލުން ނެރުމުން ނަވާޒް ޝަރީފް ވަނީ ސައުދީ އަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

ޗައުދަރީ ވިދާޅުވީ ޖަލުން ދޫކޮށްލި ނަމަވެސް ނަވާޒް ޝަރީފް އާއި މަރިޔަމް އަދި ސަފްދާރު ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.