ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ކެޓްރީނާ ކެއިފަކީ އޭނާގެ ކްރެޑިޓްގައި ވަރަށް ވެސް ހިތްގައިމު އަދި މަގުބޫލު ލަތަކެއް ހުރި ބަތަލާއެކެވެ. އޭގެ ތެރޭގައި "ޝީލާ ކީ ޖަވާނީ"، "ޗިކްނީ ޗަމޭލީ"، "ކާލާ ޗަޝްމާ"، "އިޝްގް ޝަވާ" އަދި "ސްވެގް ސޭ ސްވާގަތު" ފަދަ އެތައް ލަވެއް ހިމެނެ އެވެ.

ބެލެވޭ ގޮތުން އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒްކުރާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަކީ ކެޓްރީނާ ހިތްގައިމު ނެށުންތަކެއް ފެނިގެން ދާނެ ފިލްމެކެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝެއިހްގެ ފަސްޓްލުކްސް ދައްކައިލުމަށް ފަހު، އެ ފިލްމުގެ ޓީމުން މިހާރު ވަނީ ކެޓްރީނާގެ ލުކް ވެސް ދައްކާލައިފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މޯޝަން ޕޯސްޓަރެއްގެ ގޮތުގައި ދައްކައިލި ކެޓްރީނާ ލުކްސްއާ އެކު އޭނާ އަށް ފިލްމުގައި ކިޔާ ނަން ވެސް ވަނީ ހިއްސާކޮށްފަ އެވެ. އެއީ ސުރައްޔާ އެވެ. ޕޯސްޓަރުގައި ކެޓްރީނާ ފެންނަނީ ނެށުމަކަށް ތައްޔާރުވެގެން ހުރި ކަހަލަ ގޮތަކަށެވެ.

"ތަގްސް އޮފް ހިންދުންސްތާން" އަކީ "ދޫމް 3" އަށް ފަހު ކެޓްރީނާ އާއި އާމިރް ހާން އަނެއްކާ ވެސް އެކީގައި ފެނިގެން ދާނެ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް "ދޫމް 3" ގެނެސް ދިން ވިޖޭ ކްރިޝްނާ (ވިކްޓާ) އަޗަރިއާ އެވެ.

ނިކިލް އަދްވާނީ ޑައިރެކްޓްކޮށް، ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ ފިލްމު "ބަތުލާ ހައުސް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ. ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް، 15، 2019 ގަ އެވެ. އެއީ އިންޑިއާގެ މިނިވަން ދުވަހެވެ. ޖޯންގެ އެންމެ ފަހުގެ ފިލްމް "ސަތިޔަމޭވް ޖަޔަތޭ" އަކީ މި އަހަރުގެ މިނިވަން ދުވަހު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ޖޯން ފުލުހެއްގެ ރޯލުން އަނެއްކާ ވެސް ފެނިގެންދާ "ބަތުލާ ހައުސް" ގެ ހައުސްގެ ޓެގް ލައިނެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "އިންޑިއާސް މޯސްޓް ޑިކޮރޭޓެޑް/ކޮންޓްރަވާޝަލް ކޮޕް" ގެ ގޮތުގަ އެވެ. ޖޯންގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ "ޕަރްމަނޫ" އާއި "ސަތިޔަމޭޖވް ޖަޔަތޭ" ގައި ވެސް އޭނާ ކުޅެފައު ވަނި ޔުނިފޯމް ކެރެކްޓާއެކެވެ.

ފިލްމުގެ ޕޯސްޓަރާ އެކު، ޖޯން ވަނީ އޭނާގެ ކެރެކްޓާއާ ގުޅުން ހުރި ބައެއް ތަފުސީލުތައް ވެސް ހިއްސާކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ބަތުލާ ހައުސް" ގެ ބަތަލާއަކީ ޓީވީ ބަތަލާ މުރްނާލް ތާކޫރެވެ.

ރިލީޒް ނުކުރެވި ގިނަ ދުވަސްތަކެއްވެފައިވާ ސަނީ ޑިއޯލްގެ "ބެއްޔާޖީ ސުޕަހިޓް" އަންނަ މަހުގެ 19 ގައި ރިލީޒް ކުރަން ނިންމާފައި ވަނިކޮށް، ތާށިވެފައި އޮތް ސަނީގެ އެހެން ފިލްމެއް ވެސް ރިލީޒް ކުރަން ނިންމައިފި އެވެ.

ނޮވެމްބަރު މަހުގެ 16 އަށް ތާވަލު ކުރި "މޮހައްލާ އައްސީ" ގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މި ފިލްމްގައި ސަނީއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ "ޑަންގަލް" ގައި އާމިރް ހާންގެ އަންހެނުންގެ ރޯލް ކުޅުނު ޓީވީ ބަތަލާ ސާކްޝީ ތަންވަރު އެވެ.

ޗަންދްރަޕްރަކާޝް ދިވެދީ ޑައިރެކްޓްކޮށްފައިވާ "މޮހައްލާ އައްސީ" އަކީ މަޝްހޫރު ލިޔުންތެރިޔާ ޑރ. ކަޝީ ނާތު ސިންގް ލިޔެފައިވާ ވާހަކަ "ކަޝީ ކާ އައްސީ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ 2015 ގައި ރިލީޒް ކުރަން ނިންމި ފިލްމެކެވެ. ފިލްމް ރިލީޒް ނުކުރެވި ދިގުލައިގެން ދިޔައީ އޭގައި ހިންދޫ ދީނަށް ފުރައްސާރަވާ ގޮތަށް ބައެއް ކަންކަން ހުރި ކަމަށް ބުނެ، އެކަމާ ދެކޮޅަށް ބަޔަކު ނުކުތުމުންނެވެ.

"ބެއްޔާޖީ ސުޕަހިޓް" ގެ ބަތަލާއިންނަކީ ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޕްރިތީ ޒިންތާ އާއި އަމީޝާ ޕަޓޭލް އެވެ.