21 ސެޕްޓެމްބަރ 2018 - 16:25

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރެއްވި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު އެ މަގާމުން މިއަދު ވަކިކުރައްވައިފި އެވެ.
ޒިޔާދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން، އިބޫއަށް ތާއީދު ކުރާކަން ހާމަކުރީ އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕެއިން ދަތުރުތައް ނިންމާލުމަށްޓަކައި ރޭ އައްޑޫގައި ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ޒިޔާދު ވަނީ އިބޫއަށް ތާއީދު ކުރާކަން ހާމަކޮށް، ވާހަކަ ދައްކައިފަ އެވެ.
ރައީސް އޮފީހުން ބުނީ ޒިޔާދު އެ މަގާމުން ވަކި ކުރެއްވީ މިއަދު ކަމަށެވެ.
ޒިޔާދު އިދިކޮޅު ކޯލިޝަނާ ގުޅުނުއިރު، ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި އަދި އެލައިޑްގެ ޗެއާމަން ހިޔަލީ މުހައްމަދު ރަޝީދު ވެސް މިހާރު ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފަ އެވެ. އޭނާ ވެސް ޕީޕީއެމްގެ ރަޖިސްޓްރާ ކަމުން ވަކިކޮށް، އެ މަގާމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް މިހާރު ވަނީ އައްޔަން ކޮށްފަ އެވެ.