އިންތިޚާބު މޮނިޓަކުރަން އަންނަ ބޭރުގެ ނޫސްވެރިންނަށް ވިސާ ނުލިބިގެން ޝަކުވާކުރަނީ
އިންތިޚާބު މޮނިޓަކުރަން އަންނަ ބޭރުގެ ނޫސްވެރިންނަށް ވިސާ ނުލިބިގެން ޝަކުވާކުރަނީ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކަވަރުކުރަން އަންނަ ބޭރުގެ ނޫސްވެރިންގެ ތެރެއިން އެތައް ބަޔަކު ވިސާ ނުލިބިގެން ޝަކުވާކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އާއްމުކުރި ލިސްޓުގައިވާ ގޮތުން އިންތިޚާބު ކަވަރުކުރަން ބޭރުގެ 64 ފަރާތަކަށް ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް އަދި މޮނީޓަރުންގެ ގޮތުގައި 26 ނޫސްވެރިން ހިމެނެ އެވެ.

އިންތިޚާބު އޮބްޒާވްކުރަން އަންނަ ފަރާތްތަކުގެ ތެރޭގައި ސްރީ ލަންކާ، މެލޭޝިއާ، ފިލިޕީންސް، ތައިލެންޑު އަދި ފަލަސްތީނުުގެ އިލެކްޝަންސް ކޮމިޝަނާއި ޔޫރަޕްގެ އެލައިންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އާއި އޭޝިޔާގެ ގައުމުތަކުގައި އިންތިޚާބުގެ ކަންތައްތައް އޮބްޒާވްކުރަމުން އަންނަ އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް ހިމެނެ އެވެ.

އީސީން އާންމުކުރި ލިސްޓުގައި ހިމެނޭ މަޝްހޫރު ނޫސްތަކާއި ނިއުސް އެޖެންސީތަކުގެ އެތައް ބަޔަކު ބުނަނީ ލިސްޓުގައި ނަން އޮތަސް ވިސާ ހަމަނުޖެހޭ ކަމަށެވެ.

އިންތިޚާބު ކަވަރުކުރަން ރާއްޖެ އަންނަން އުޅުނު އިންޑިޔާގެ ނޫސްވެރިއަކު "މިހާރު" އަށް ބުނީ އިންތިޚާބު ކަވަރުކުރުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައިވާ ކަމަށެވެ. އަދި އެ ހުރިހާ ލިޔެކިޔުންތަކާ އެކު ވިސާ އަށް މި މަހުގެ ކުރީކޮޅު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ވިސާ ހަމަނުޖެހޭ ކަމަށް ބުންޏެވެ.

"ޓިކެޓާއި ހުރިހާ އެއްޗެއް ހަމަޖައްސާފައި ހުންނާނީ. އެކަމަކު ވިސާ ހަމަނުޖެހިގެން ޓިކެޓު ވެސް ކެންސަލްކޮށްފައިވާނީ،" އިންޑިޔާގެ ނޫސްވެރިޔާ ބުންޏެވެ.

އިންޑިޔާއިން، ރާއްޖޭގެ މި އިންތިޚާބު ކަވަރުކުރަން ތިން ނޫސްވެރިއަކު އަންނަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެތަނުން އެއްވެސް ނޫސްވެރިއަކަށް ވިސާއެއް ނުލިބެ އެވެ.

ވިސާގެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އެ އިދާރާއިން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު ބޭރުގެ އެއްވެސް ފަރާތަކަށް މޮނިޓާ އަދި އޮބްޒާވް ކުރެވޭނީ އިލެކްޝަންސުން ހުއްދަ ނަގައިގެންނެވެ. އެކަމުގެ ހުއްދަ އިލެކްޝަންސް އިން ދޭ ފަރާތްތަކަށް ބިޒްނަސް ވިސާ ދޫކުރާނެ ކަމަށް ބުންޏެވެ.

އިންތިޚާބަށް އޭއެފްޕީ ނިއުސް އެޖެންސީގެ ފަރާތުން ވެސް ރާއްޖެ އަންނަން އުޅުނު އެއްވެސް ނޫސްވެރިއަކަށް ވިސާ ނުލިބޭ ކަމަށް ވެ އެވެ. އީސީން އާއްމުކޮށްފައިވާ ލިސްޓުގައި ހިމެނޭ އޭއެޕްޕީގެ ނޫސްވެރިއެއް ކަމަށްވާ ސިމޮން ސްޓުރްޑީ ބުނީ ބައިނަލްއަގުވާމީ މޮނީޓަރުންގެ ލިސްޓުގައި އޭނާގެ ނަން ވެސް ހިމެނޭ ކަމަށާއި އެކަމަކު އޭއެފްޕީ އަދި ބޭރުގެ އެހެން ނޫސްވެރިންނެކޭ އެއްގޮތަށް އޭނާއަށް ވެސް ވިސާ ނުލިބޭ ކަމަށެވެ.

އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް އިން ރޭ ކުރި ޓްވީޓުގައި ބުނީ މިފަހަރުގެ އިންތިޚާބުގައި އެ ޖަމިއްޔާގެ އެއްވެސް އޮބްޒާވަރެއް ބައިވެރިނުވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން އެ ޖަމިއްޔާގެ ފަސް މީހަކަށް އީސީން ހުއްދަ ދީފައި ވެ އެވެ.

އެކަމާ ގުޅޭގޮތުން އީސީގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ވިސާ ހަމަނުޖެހިގެން އެ ކޮމިޝަނަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ.