08 އޯގަސްޓް 2016 - 17:34

ހިޔާލު ފާޅުކުރުން ހުއްޓުވަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި، ކުރިއަށް ވުރެ ހަރުކަށި އަދަބުތަކެއް ހިމަނައިގެން، އާ ޑްރާފްޓެއް އެ ބިލު ދިރާސާ ކުރާ ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހެޅުއްވި ޑްރާފްޓުގައި ކުރީގެ ބިލާ ގުޅޭ ގޮތުން މީޑިއާތަކާއި އެ ނޫން ވެސް ފަރާތްތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެއް ނުވެ އެވެ. އެ ގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރު ވެ އެވެ.
އެކަމަކު، ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، މި ޑްރާފްޓްގައި ވެސް ހިމަނާފައި ވަނީ އިސްތިއުނާފް ނުކުރެވޭ ގޮތަށެވެ. މިއީ ވެސް ކުރިން ނޫސްވެރިން ފާޅުކޮށްފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ހާލަތުގައި ކުރިން ވެސް އޮތް ގޮތަށް ތިން މަސްދުވަހާއި ހަ މަސްދުވަހުގެ މުއްދަތަަކަށް އެ ނޫސްވެރިއަކު ޖަލަށް ލެވޭނެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކުރާ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ހިމެނޭ ވަރަށް މުހިއްމު ބައެއް ވެސް މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ ނެތިގެން ދާނެ އެވެ. އެ ގޮތުން، މަސްދަރު ހާމަކުރަން ނޫސްވެރިއަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކޮށްފައި ވިޔަސް، އާ ޑްރާފްޓުގައިވާ ގޮތުން މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކެއް މެދުވެރި ވެދާނެ އެވެ. އެކަމަކު، އެ ހާލަތްތަކުގައި ވެސް މަސްދަރު ހާމަކުރަން ވާނީ ސިއްރު މައުލޫމާތެއްގެ ގޮތުގައި ކަމަށާއި އެ މައުލޫމާތު ލިބޭ ދައުލަތުގެ މުއައްސަސާއަކުން ވެސް އެ ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް ކުރީގެ ޑްރާފްޓުގައި ހުރި މައްސަލަތައް ހަމަ އެ ގޮތަށް އެބަހުއްޓެވެ. އެ ގޮތުން، އަބުރާ ބެހެވުނު ކަމަށް ބަލާ ބަހުގެ މާނަ ވަރަށް ފުޅާ ދާއިރާއެއްގައި ކޮށް، ވާހަކަ އާއި ލިއުންތަކާއި ކުރެހުމާއި އިޝާރާތް ފަދަ ކުރީގެ ބިލުގައި ހުރި ކަންކަމުގެ އިތުރަށް އަޑު ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ. އެހެން ފަރާތަކުން ފާޅުކުރާ ހިޔާލެއް ގެނެސްދޭ މީޑިއާއަކުން ޒިންމާ ނަގަން ޖެހޭ ފަދަ ގޮތަކަށް އަދިވެސް ބިލު އޮތްއިރު، އަމިއްލަ ބްލޮގުތަކާއި ވެބްސައިޓުތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލު ވެސް މާނަކުރުމުގެ ތެރޭގައި ވަނީ ހަމަ ހިމަނާފަ އެވެ. އަދި އެ މާއްދާ ފުޅާކޮށް، ސީދާކޮށް ނުވަތަ ނުސީދާކޮށް ބަހެއް ބުނެގެން ނުވަތަ ކަމެއް ކޮށްގެން ވެސް އަބުރާ ބެހެވި ދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އާ ޑްރާފްޓުގައި އެންމެ މުހިއްމު އެއް ބަދަލަކަށް ފެންނަނީ ތަސްދީގު ކުރާ ތާރީހުން ފެށިގެން އަމަލު ކުރާ ގޮތަށް ބަދަލުކޮށްފައި އޮތް އޮތުމެވެ. ކުރިން މި ބިލު އޮތް ގޮތުން، ގާނޫނަކަށް ވެ، އަމަލު ކުރަން ފަށާނީ ތަސްދީގު ކުރާތާ ތިން މަސްދުވަސް ފަހުންނެވެ.
ބި ޑްރާފްޓް އިތުރަށް ދިރާސާ ކުރަން ވަގުތު ބޭނުން ވާތީ މަޖިލީހުގެ ކޮމިޓީ ވަނީ މެދުކަނޑާލާފަ އެވެ. ދެން ކޮމިޓީ ބާއްވާނީ މިރޭ 7:00 ހާއިރު އެވެ.
މި ބިލު ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިރޭ ފޮނުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބިލު ފާސް ކުރުމާ މެދު މާދަމާ ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ލާން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވަނީ ނެރެފަ އެވެ. އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ މި ބިލާ ދެކޮޅު ހަދާފަ އެވެ. އެކަމަކު، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އަދި ވިޕެއް ނުނެރެ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވެފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް އާންމުންގެ ފަރާތުން އެއްވެސް ހިޔާލެއް ލިބިފައިވާ ނަމަ އެއީ ބާތިލް އެއްޗެއްގެ ގޮތުގަ އާއި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އަދި މިހާތަނަށް ހާޒިރުކުރަން ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ޕީޕީއެމްގެ ސާފު އަގުލަބިއްޔަތު އޮންނަ ކޮމެޓީން ނިންމި އެވެ.