ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒިޔާދު އިބޫއަށް ތާއީދު ކުރައްވައިފި
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒިޔާދު އިބޫއަށް ތާއީދު ކުރައްވައިފި

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ އަބްދުﷲ ޒިޔާދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރައްވައިފި އެވެ.

ޒިޔާދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތްކަން ހާމަކުރެއްވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރުތައް ނިންމާލުމުގެ ގޮތުން ރޭ އައްޑޫގައި ބޭއްވި ޖަލްސާގަ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އޭނާއަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫގެ ކަންކަމާ ހަވާލުވެ ހުންނެވި މުވައްޒަފު ކަމަށާއި އޭނާ މަސައްކަތްކުރެއްވީ އިހްލާސްތެރިކަމާ އެކު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ވޯޓު ދިނުމަށް އައްޑޫގެ ރައްޔިތުންނާއި އޭނާގެ އާއިލާ އާއި ރަހުމަތްތެރިންގެ ކިބައިން އެދޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އަޅުގަނޑު މިހިރީ މިއަދު ވަރަށް ކެރިގެން އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަދި ފައިސަލް ނަސީމާ އެއްކޮށް އަދި މި ބޮޑު އިއްތިހާދާ އެއްކޮށް،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު އިދިކޮޅު ކޯލިޝަނާ ގުޅުނުއިރު، ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުގައި ދާދިފަހުން ހުންނެވި އަދި އެލައިޑްގެ ޗެއާމަންގެ ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެންފަ އެވެ. އޭނާ މިހާރު ވަނީ ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުން ވަކިކޮށްފަ އެވެ. އޭނާ ވެސް ރޭ އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.