ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ދޭން ވިމެން އެންޑް ޑިމޮކްރަސީން އެދެފި
ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ދޭން ވިމެން އެންޑް ޑިމޮކްރަސީން އެދެފި

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ދިނުމަށް ވިމެން އެންޑް ޑިމޮކްރަސީ އިން އިލެކްޝަންސް ކޮމިޝަންގައި އެދެފި އެވެ.

އަންހެނުންގެ ހައްގުތަކަށާއި ޑިމޮކްރަސީއަށް މަސައްކަތްކުރާ އަދި މިފަހަރުގެ އިންތިޚާބު އޮބްޒާވްކުރާ މަދަނީ ޖަމްއިއްޔާއެއް ކަމަށް ވިމެން އެންޑް ޑިމޮކްރަސީން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އިއްޔެ ފޮނުވި ސިޓީގައިވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ ދަށުން، ވޯޓުލާ މަރުކަޒަށް ފޯނު ނުވަތަ މުއާސަލާތީ ވަސީލަތްތައް ވެއްދުން މަނާ ކޮށްފައިވަނީ ވޯޓުލާން އަންނަ މީހުންނަށް އެކަނި ކަމަށާއި އޮބްޒާވަރުންނާއި މޮނީޓަރުންނަށް އެކަން މަނާކޮށްފައި ނެތް ކަމަށެވެ.

މީގެ އިތުރުން އިންތިޚާބާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ވެސް އޮބްޒާވަރުންނަށް މަނާކޮށްފައި އޮންނަނީ ވޯޓުލާ މަރުކަޒުގައި ނުވަތަ ސަރަހައްދުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކުރުން ކަމަށާއި އެކަމަކު މިފަހަރުގެ އިންތިޚާބުގައި އޮބްޒާވަރުންނަށް ވެސް ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުން މަނާކޮށްފައިވާތީ އެކަމުގެ ސަބަބުން އޮބްޒާވަރުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި ވޯޓުލާ މަރުކަޒުން ބޭރުގައި، ކައިރި ތަނެއްގައި ރައްކާތެރި ގޮތެއްގައި ފޯނު ބޭއްވުމުގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ދީފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް އެ ސިޓީގައިވެ އެވެ.

"ކޮންމެ ފަހަރަކު އޮބްޒާވަރުން ގެއަށް ގޮސް ނުވަތަ ފޯނު ރައްކާކުރެވިފައިވާ ދުރު ހިސާބަކަށް ގޮސް ފޯނުން އެ މައުލޫމާތު ފޮނުވަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމާއި އަދި އެއީ އިންތިޚާބުގެ އިންސާފުވެރިކަމާ އެކު ކުރިއަށް ދޭތޯ ބެލުމަށް ހުރި ބޮޑު ހުރަހެއް ކަމުގައި ދަންނަވަމެވެ،" އެ ޖަމްއިއްޔާގެ އިލެކްޝަންސް އޮބްޒަވޭޝަން ކޮމިޓީގެ ޗެއާ މަރިޔަމް ޝުނާނާ ސޮއި ކުރައްވައި، ފޮނުވި އެ ސިޓީގައިވެ އެވެ.

ވޯޓުލާ މަރުކަޒަށް ޗެކް ލިސްޓާއި ކަލްކިއުލޭޓަރު ފަދަ ތަކެތި ވެއްދުމުގެ ފުރުސަތު އޮބްޒާވަރުންނަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ސިޓީގައި ފާޅުކޮށްފައިވެ އެވެ. އެ ސިޓީގައިވަނީ އިދާރީ ބޭނުމަކަށް ބޭނުންކުރާ ޗެކް ލިސްޓާއި ކަލްކިއުލޭޓަރު ފަދަ ތަކެތި އޮބްޒާވަރުން ވެއްދުން ކަމަށް އެއްވެސް ގާނޫނެއްގައި އަދި ގަވާއިދެއް މަނާ ކޮށްފައި ނުވާއިރު، އެ ތަކެތި ވޯޓުލާ މަރުކަޒަށް ނުވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޓްރެއިނިންގައި އޮބްޒާވަރުންނަށް އަންގާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

ކަލްކިއުލޭޓަރާއި ޗެކް ލިސްޓް ފަދަ ވަސީލަތްތައް ބޭނުން ނުކުރެވޭ ނަމަ އިދާރީ ގޮތުން ބޮޑެތި އޮޅުންތަކެއް އޮބްޒާވަރުންނަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި އެ ތަކެތި ބޭނުން ކުރުމުގެ ފުރުސަތު ނުލިބެނީ ކީއްވެގެން ކަމެއް އަދި އެ ފުރުސަތު ދިނުމުން ލިބޭނެ ގެއްލުމެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ސާފުކޮށް ނުދެވޭ ކަމަށް އެ ސިޓީގައިވެ އެވެ.

"އިދާރީ މަސައްކަތް ކުރުމަށް އަދި ވޯޓު ހިސާބު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ޗެކް ލިސްޓާއި ކަލްކިއުލޭޓަރާއި ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުން ކުރާއިރު، ހަމަ އެ މަސައްކަތް ކުރަންޖެހޭ އޮބްޒާވަރުންނަށް ބޭނުންވާ އެންމެ ޟަރޫރީ ވަސީލަތްތައް ބޭނުން ނުކުރެވޭނެ ކަމަށް ތިޔަ ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ،" އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ވޯޓުލާން ދާ މީހުންގެ ތެރެއިން މޫނު ބުރުގާ އަޅާފައިވާ ފަރާތްތަކަކީ ކާކުކަން ކަށަވަރު ކުރާއިރު، އެ މީހުންގެ ކަރާމާތަށް ގެއްލުން ނުވާ ގޮތަށް އަދި އަންހެނަކު އެކަން ކުރާ ގޮތަށް ހަމަޖައްސައިދޭން އެދިފައިވާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައިވާ ގޮތުން އިންތިޚާބާ ބެހޭގޮތުން ހުރި ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އެ ޖަމްއިއްޔާއިން ކުރިން ހުށަހެޅި ޝަކުވާތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދީފައެއް ނުވެ އެވެ. އަދި އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތަކަށް އެދުމުން ވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ސިޓީގައިވެ އެވެ. އޮބްޒާވަރުންނާއި މޮނީޓަރުންނަށް ބޭއްވި ޓްރެއިނިން ސެޝަންގައި އެ ޝަކުވާތައް ކޮމިޝަންގެ އޮފިޝަލުންނާ ހިއްސާކުރި ކަމަށާއި އެކަމަކު އެކަމުގައި ގޮތެއް ނިންމޭނީ ކޮމިޝަންގެ މެމްބަރުންނަށް ކަމަށް އޮފިޝަލުން ބުނެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އިންތިޚާބު އޮބްޒާވް ކުރަން ހުރި ހުރަސްތަކަށް ހައްްލު ހޯދައި ދިނުމަކީ އިލެކްޝަންސް ކޮމިޝަނާ މެދު އޮންނަ އިތުބާރު ލިބުމަށް މަގުފަހި ވެގެންދާނެ ކަމެއް ކަމަށާއި އެހެންވެ، އެ ޝަކުވާތައް ހައްލުކޮށް ދިނުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.