ވިއެޓްނާމުގެ ރައީސް އަވަހާރަވެއްޖެ
ވިއެޓްނާމުގެ ރައީސް އަވަހާރަވެއްޖެ

ހެނޮއި (ސެޕްޓެމްބަރު 21) - އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ވިއެޓްނާމުގެ ރައީސް ޓްރެން ޑައި ގުއަންގް އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 61 އަހަރުގައި ގުއަންގް އަވަހާރަވި އިރު އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ވިއެޓްނާމުގެ އިތުރުން ބޭރުން ވެސް ފަރުވާ ހޯއްދަވާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ވިއެޓްނާމުގެ ރައީސް ކަމުގެ މަގާމަށް ގުއަންގް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ވިއެޓްނާމުގެ ޕަބްލިކް ސެކިއުރީ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ވިއެޓްނާމުގައި ރައީސް އަދާކުރައްވަނީ ރަމްޒީ ރޯލެކެވެ.