08 އޯގަސްޓް 2016 - 15:32

ގާނޫނީ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ބެލެނެވެރިޔަކީ އަދި ހޯމް މިނިސްޓްރީ ކަމަށާއި އެހެންކަމުން، އެ އެސޯސިއޭޝަނުގެ އިންތިހާބު އުވާލަން ސްޕޯޓްސް ކޮމިޝަނަރު އެންގި އެންގުން ބަލައިނުގަންނާނެ ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) މިއަދު ވިދާޅުވެފައި ވަނީ މާޗު މަހު ބޭއްވި އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށާއި އެހެންވެ އިންތިހާބު ބާތިލްކޮށް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވަން އަންގަވާފައިވާ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން އެސޯސިއޭޝަނަށް ފޮނުވާފައިވާ ސިޓީ އަށް އެސޯސިއޭޝަނުން އަމަލުނުކުރާނެ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް ސްޕޯޓްސް ކައުންސިލުގައި އެދޭނެ ކަމަށާއި އެސޯސިއޭޝަނާ މެދު ޝަކުވާއެއް އޮތް ނަމަ މި ވަގުތު އެކަން ހުށަހަޅަން ޖެހޭނީ ހޯމް މިނިސްޓްރީ އަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން މި މައްސަލަ ސިވިލް ކޯޓުން ބަލަމުން އަންނަ ކަމަށާއި، ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، މައްސަލަ ކޯޓަށް ހުށަހެޅީ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ބާރު ސްޕޯޓްސް ކޮމިޝަނަރަށް ކުޅިވަރުގެ ގާނޫނުން ދީފައިވީ ނަމަވެސް، ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ކޮމިޝަނަރުގެ ބެލުމުގެ ދަށަށް އެސޯސިއޭޝަންތައް ދާނީ އެކަމަށް ގަވާއިދުތަކެއް ހެދުމުން ކަމަށެވެ. އަދި މިހާރު އެސޯސިއޭޝަނުގެ ބެލެނެވެރިކަން އޮތީ ސްޕޯޓްސް ކައުންސިލާއި ހޯމް މިނިސްޓްރީގައި ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން ސްޕޯޓްސް ކޮމިޝަނަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން، ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތަކީ ޖަމިއްޔާގެ ރަޖިސްޓްރާކަމާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކްލަބް، ޖަމިއްޔާތަކާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ޖަމިއްޔާގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ގަވާއިދުން އެނގެން އޮންނަ ކަމަށެވެ.
އަދި ކުޅިވަރު ގާނޫނުގެ ފަސް ވަނަ މާއްދާގެ ހ. ބުނާ ގޮތުން، އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތަކަށް ނިސްބަތްވާ ކްލަބް ނުވަތަ ޓީމު ނުވަތަ އެފަދަ ޖަމިއްޔާއެއް ގާއިމްކޮށް ހިންގޭނީ އެ ގާނޫނުގެ ދަށުން ރެޖިސްޓްރީކުރެވިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ރަޖިސްޓްރީކުރުމުގެ ޝަރުތުތައް ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް ސްޕޯޓްސް ކޮމިޝަނަރު މިހާތަނަށް ލިޔެކިޔުންތަކާއި ޝަރުތުތައް ތައްޔާރުކޮށްފައިނުވާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.
މީގެ އިތުރުން ކުޅިވަރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ބަޔާންކުރާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތަކީ ސްޕޯޓްސް ކޮމިޝަނަރުކަމަށް އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގައި ކަނޑައަޅާފައިވީ ނަމަވެސް އެ މާއްދާގައި ބަޔާންކުރާ ގަވާއިދު އެކުލަވާލާފައިނުވާ ކަމަށް ވެސް އެސޯސިއޭޝަނުން ބުނެ އެވެ.
އެސޯސިއޭޝަނުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގައި ސްޕޯޓްސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅާފައިވާއިރު އެ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ބާރުތައް ބޭނުންކުރަންވާނީ އަދި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބުނާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެފަދަ ގަވާއިދެއް ހަދާފައިނުވާ ކަމަށެވެ.
"ގާނޫނީ ނުކުތާތަކަށް ނަޒަރުކުރާއިރު، މި އެސޯސިއޭޝަން އަދި ދިވެހިރާއްޖޭގެ އެއްވެސް ކްލަބް، ޖަމިއްޔާއަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ނޫނެވެ،" އެސޯސިއޭޝަނުގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އަދި އެހެންކަމުން ކްލަބް، ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރުމަށްޓަކައި އެކުލަވާލަން ޖެހޭ ގަވާއިދުތައް އަދި މިހާތަނަށް އެކުލަވާލާފައި އާއްމުކޮށްފައި ނުވާއިރު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިނުވާ ކްލަބް، ޖަމިއްޔާ އަދި އެސޯސިއޭޝަންތަކަށް އެންގެވުންތައް އަންގަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިދާނެ ކަމަށް އެ އެސޯސިއޭޝަނުން ގަބޫލުނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.