ނިދާފަ ހޭލާއިރު ބޫޓުން މީރު ވަސް
ނިދާފަ ހޭލާއިރު ބޫޓުން މީރު ވަސް

ދުވާލުގެ ބުރަ މަސައްކަތުގައި ގިނަ ވަގުތު ބޫޓަށް އަރައިގެން އުޅުމަކީ ބޫޓުން ނުބައި ވަސް ދުވަން މެދުވެރިވާ ކަމެކެވެ. މި ނުބައި ވަސް ފިލުވާލާނެ ގޮތެއް ހޯދޭތޯ އެކި މީހުން އެކި ގޮތަށް މަސައްކަތްކުރެއެވެ. ބާޒާރުގައި ނަން ހުސްކޮށް މިފަދަ ބާވަތްތައް ލިބެން ހުރެއެވެ. އެކަމަކު ގިނަ ފަހަރަށް މިފަދަ ބާވަތްތަކުން ހަގީގީ ފައިދާއެއް ކުރާތަނެއް ނުފެނެއެވެ. މިކަމަށް ހައްލެއް ހޯދަން ބިޔަ ޕެނެސޮނިކް ކުންފުނިން ނުކުމެ، ހުށަހެޅި އުފެއްދުމަކީ ގިނަ ބަޔަކަށް ކަމުދާނެ އުފެއްދުމަކަށް ވާނެ ކަމަށް އުއްމީދުކުރެވެއެވެ.

ނިދާފަ ހޭލާއިރު ބޫޓުން މީރު ވަސް
ނިދާފަ ހޭލާއިރު ބޫޓުން މީރު ވަސް

އެމްއެސް ޑީއެސް 100ގެ ނަމުގައި ޕެނަސޮނިކުން އުފެއްދި އާލާތަކީ ބޫޓު ތެރެއަށް މީރު ވަސް ދުއްވާނެ ފުޅިއެކެވެ. ދެ އުނގުރި ހިމެނޭ ގޮތަށް އުފައްދާފައިވާ މި ފުޅި ފަރުމާކޮށްފައިވަނީ މި ދެ އުނގުރިން ބަންދުކޮށްފައިވާ އާނގައިން ބޫޓަށް މީރުވަސް ފޮނުވާލާ ގޮތަށެވެ. ދެ ކިބައަށް ވަކި ދެ އާނގަ ހުރެއެވެ. ބޫޓު ހަރުގައި ނުވަތަ ދޮރުމަތީގައި ބަހައްޓައިގެންވެސް ބޫޓު ތެރެއަށް މީރުވަސް ފޮނުވޭނެއެވެ. ބޫޓުގެ ކޮޅުން ފެށިގެން ފުންނާބާ ހަމައަށް މީރުވަސް ދައުރުވަމުންދެއެވެ. މީގެ ބަރުދަނުގައި ހުންނަނީ 480 ގްރާމެވެ.

ބަލާ ބެލުމަށް ރީތި ފަރުމާއަކާ އެކު އުފައްދާފައިވާ އެމްއެސް ޑީއެސް100، ދެ މޯޑެއްގައި ބޭނުންކުރެވެއެވެ. އެއް މޯޑަކީ 5ގަޑިއިރު ވަންދެން ޖައްސާފަ ބެހެއްޓުމެވެ. އަނެއް ގޮތަކީ 7 ގަޑިއިރު ބޭނުންކުރެވޭ ގޮތެކެވެ. އާންމުކޮށް ބޫޓުހަރަކީ ކަރަންޓު ސޮކެޓަކާ ކައިރީގައި ހުންނާނެ އެއްޗަކަށް ނުވާނެތީ މި އުފެއްދި ޖަޕާން ކުންފުނިން ވިސްނާފަ އޮތީ ޗާޖުކޮށްގެންވެސް ބޭނުންކުރެވޭ ގޮތަށެވެ. ކަރަންޓާ ގުޅަން ޖެހުނަސް ޚަރަދު ކުޑަކޮށް އެކަން ވާނެ ގޮތަކަށްވެސް އޮތީ ވިސްނާފައެވެ.

އެމްއެސް ޑީއެސް100 މިވަގުތު ވިއްކަން ހުރީ ހަމައެކަނި ޖަޕާންގައެވެ. އާންމުކޮށް ދުނިޔޭގެ ބާޒާރުގައި މި ބޫޓު ސެންޓުފުޅި ވިއްކަން ނެރޭނެ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ. އެކަމަކު ޔަގީންވާ ކަމަކީ ބޫޓަށް އަރާ މީހުންގެ މެދުގައި މިއީ މަގުބޫލު އެއްޗަކަށް ވާނެ ކަމެވެ.