ނޭހާ ކައްކަރާއި ހިމާންޝް ކޯލީގެ ލޯބި އިންޑިއަން އައިޑޮލްގެ ސްޓޭޖަށް
ނޭހާ ކައްކަރާއި ހިމާންޝް ކޯލީގެ ލޯބި އިންޑިއަން އައިޑޮލްގެ ސްޓޭޖަށް

ސޮނީ ޓީވީ މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް އާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއްޖެ އެވެ.

ދެ މީހުންގެ އިންސްޓަގްރާމް ހާވާލައިފި ނަމަ އެކުގައި ނަގާފައިވާ ފޮޓޯތަކާ އެކު، އެ ގުޅުމަށް ލޯބީގެ ނަމެއް ވެސް ދެވޭނެ އެވެ. އެކަމަކު ނޭހާ އާއި ހިމާންޝޫ މިހާތަނަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ. ނަމަވެސް މީޑިއާތަކުން ސިފަ ކުރާ ގޮތުގައި އެކުވެރި ކަމަށް ވުރެ ދެ މީހުންގެ ގުޅުން ބަދަހިވެފައި ގާތެވެ.

ނޭހާ އާއި ހިމާންޝް ވަނީ ދާދި ފަހުން އެކުގައި ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ. އެއީ ނީހާ ކިޔާފައިވާ "އޯ ހަމްސަފަރު" އެވެ.

ހިމާންޝްއަކީ 2014 ގައި ރިލީޒް ކުރި ފިލްމު "ޔާރިޔަން" އަށް ތައާރަފުވި އެކްޓަރެކެވެ. ނަމަވެސް އޭނާއަކީ މިހާތަނަށް ފިލްމުތަކުން މާ ރަނގަޅު ފުރުސަތެއް ލިބޭ އެކްޓަރެއް ނޫނެވެ.

އެކަމަކު ނޭހާއަކީ މިހާރު ބޮލީވުޑްގައި ތިބި އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މަގުބޫލު އަދި އެންމެ ޑިމާންޑް ބޮޑު އެއް ލަވަކިޔުންތެރިޔާ އެވެ. އޭނާ ބައިވެރިއެއްގެ ގޮތުގައި ވާދަ ވެސް ކުރި "އިންޑިއަން އައިޑޮލް" ގެ ޖަޖެއްގެ ގޮތުން ވެސް މި ފަހަރު ފުރުސަތު ލިބުނީ ނޭހާ ދައްކަމުން އަންނަ މޮޅު ހުނަރާ އެކުގަ އެވެ.

އިންޑިއަން އައިޑޮލްގެ ކުރިއަށް ހުރި އެޕިސޯޑްތަކުގެ ތެރެއިން ނޭހާ، 30، އާއި ހިމާންޝް، 28، ގެ ގުޅުން ފެނިގެން ދާނެ އެވެ. މަހުމާނެއްގެ ގޮތުގައި ހިމާންޝް ޝޯ އިން ފެނިގެން ދާނެ އެވެ. އެ އެޕިސޯޑްގެ ތެރެއިން ނީހާ ވަނީ ތަންކޮޅެއް ދުރުން ކަހަލަ ގޮތަކަށް ހިމާންޝްއާ ރައްޓެހިވެގެން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ.

މި ފަހުން އެންމެ ވިދާލި އެއް ލަވަ ކަމަށްވާ "ދިލްބަރު" ގެ އަޑުގެވެރިޔާ ބުނި ގޮތުގައި ކައިވެންޏަކާ ދޭތެރޭ ވިސްނާ އިރު، ހިމާންޝްގެ ނަން އަންނާނެ އެވެ. އެއަށް އުފާވެރި ރައްދެއް ދެމުން ހިމާންޝް ޝޯގައި ބުނީ "ނޭހާ އެހެން ބުނާނެ އިރެއްގެ އިންތިޒާރުގައި" ހުރި ކަމަށެވެ.

"އިންޑިއަން އައިޑޮލް" ސީޒަން 10 ގެ ބެލުންތެރިން މިހާރު ދެން އެންމެ ޝައުގުވެރި ވާނީ ނޭހާ އާއި ހިމާންޝް ލޯތްބަށް އިގުރާރުވާ އެޕިސޯޑަށެވެ. އިންތިޒާރުކޮށްލަން ޖެހެނީ ހޮނިހިރު ނޫނީ އާދިއްތަ ދުވަހުގެ ރެއަށެވެ.

ހިމާންޝް ވަނީ އޭނާ ބައިވެރިވި އެޕިސޯޑްގެ ޝޫޓިންގެ ތެރެއިން ނޭހާއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ވެސްކޮށްފަ އެވެ.