ޗެލްސީ، އާސެނަލް އަދި މިލާން މޮޅުވެއްޖެ
ޗެލްސީ، އާސެނަލް އަދި މިލާން މޮޅުވެއްޖެ

ލަންޑަން (ސެޕްޓެމްބަރު 21) – ޔުއެފާ ޔުރޮޕާ ލީގުގައި އިންގްލެންޑުގެ ޗެލްސީ އާއި އާސެނަލް އަދި އިޓަލީގެ އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުތަކުން ރޭ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ގްރީކުގެ ޕީއޭއޯކޭ އަތުން 1-0 އިން ޗެލްސީ މޮޅުވިއިރު އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި ޔޫކްރޭނުގެ ވޯސްކްލާ އަތުން 4-2 އިންނެވެ. އަދި އޭސީ މިލާން މޮޅުވީ ރަށުން ބޭރުގައި ލަގްޒެމްބާގުގެ ޑުޑްލާންޖް އަތުން 1-0 އިންނެވެ.

ޕީއޭއޯކޭ އަތުން ޗެލްސީ މޮޅުވިއިރު ހަމައެކަނި ގޯލް ހަތް ވަނަ މިނެޓުގައި ޖެހީ ރޭ ކެޕްޓަން ބޭންޑް އެޅި ވިލިއަން އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ހަންގޭރީގެ ވިޑީ އަތުން ބެލަރޫސްގެ ބޭޓް ބޮރިސޯފް ވަނީ 2-0 އިން މޮޅުވެފަ އެވެ. ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ބޭޓެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މި މުބާރަތް ސީޒަނުގެ ފަހުކޮޅު ޗެލްސީއަށް ބުރަކަށް ވެދާނެ ކަމަށެވެ. ކުރިން އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުނީ އިޓަލީގައި ނަމަ ބުރާސްފަތި ދުވަހުގެރޭ ގްރީކުގައި ކުޅެފައި ލީގު މެޗު ހޯމަ ދުވަހުގެރޭ ކުޅެން އެދެވިދާނެ ކަމަށެވެ. އެކަމަކު ޗެލްސީ އަށް ލީގު މެޗެއް އާދީއްތަ ދުވަހު ހަވީރު އެބައޮތެވެ.

"މިހާރު އެއީ މާބޮޑު މައްސަލައެއް ނޫން. އެއީ އަދި ސީޒަނުގައި ކުޅުނީ އެންމެ ހަ މެޗު ކަމަށް ވުމުން. އެކަމަކު ކުރިމަގުގައި މައްސަލައަކަށް ވެދާނެ. އަހަރެން އުއްމީދުކުރަން ގްރޫޕުގެ ފަހު މެޗު ނުވަތަ ފަހު ދެ މެޗުގެ ކުރިން އަނެއް ބުރަށް ކޮލިފައިވާން،" ސާރީ ބުންޏެވެ.

އަމިއްލަ ދަނޑުގައި ވޯސްކްލާ އަތުން 4-2 އިން އާސެނަލް މޮޅުވި މެޗުގައި އެ ޓީމުގެ ޕިއެރޭ-އެމެރިކް އޯބަޔަމަން ދެ ގޯލް ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ ޑެނީ ވެލްބެކާއި މެސުތު އޮޒިލެވެ. ވޯސްކްލާ އިން ދެ ގޯލް ޖެހީ މެޗުގެ ފަހުކޮޅެވެ.

"އަހަރެމެން މި މުބާރާތުގެ ފައިނަލަށް ދާން ބޭނުން. އެއީ އަމާޒެއް އަދި އުއްމީދުކުރަން ކުރިއަށް ހުރި މެޗުތަކުގައި މިއަށް ވުރެ ރަނގަޅުކުރަން،" އޯބަމަޔަން ބުންޏެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ އާދައިގެ ގައުމެއް ކަމަށްވާ ލަގްޒާބުގެ ޗެމްޕިއަން ޑުޑްލާންޖް އަތުން މިލާނަށް މޮޅުވެވުނީ އުނދަގުލުންނެވެ. މުހިއްމު ބައެއް ތަރިން ނުލާ ކުޅުނު މި މެޗުގައި މިލާނުގެ ހަމައެކަނި ގޯލް 59 ވަނަ މިނެޓުގައި ޖެހީ ގޮންޒާލޯ ހިގައިންނެވެ. މި ސީޒަނުގައި އޭނާ ލޯން އުސޫލުން ކުޅުވަން މިލާނުން 18 މިލިއަން ޔޫރޯ ހޭދަކުރިއިރު ޑުޑްލާންޖުގެ އަހަރަކީ ބަޖެޓަކީ އެންމެ 2.5 މިލިއަން ޔޫރޯ އެވެ.

މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޕެއިނުގެ ވިޔަރެއާލް އާއި ސްކޮޓްލެންޑުގެ ރޭންޖާސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި ބެލްޖިއަމްގެ ސްޓެންޓަޑް ލީގް އަތުން ސްޕެއިނުގެ ސެވިއްޔާ 5-1 އިން މޮޅުވި އެވެ. ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 2-1 އިން ފްރާންސްގެ އޮލިމްޕިކް މާސޭ ބަލިވިއިރު އިޓަލީގެ ލާޒިއޯ ވަނީ ސައިޕްރަސްގެ އެޕޮލޮން އަތުން 2-1 އިން މޮޅުވެފަ އެވެ.