އިންޓަ ކޯޗުކަމުން މަންޗިނީ ވަކިކޮށްފި
އިންޓަ ކޯޗުކަމުން މަންޗިނީ ވަކިކޮށްފި

މިލާން (އޮގަސްޓް 8) - އިޓާލިއަން ލީގު ފަށަން ދެ ހަފްތާ އަށް ވެފައިވަނިކޮށް އިންޓަގެ ކޯޗުކަމުން ރޮބާޓޯ މަންޗިނީ ވަކިކޮށްފި އެވެ.

މަންޗިނީ މަގާމުން ވަކިކުރި އިންޓަގެ ވެރިންނާއި އޭނާއާ މެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. މަންޗިނީ ހިތްހަމަނުޖެހުނީ ޓީމު ވަރުގަދަކުރުމަށް ތަޖުރިބާކާރު ކުޅުންތެރިން ނުގެންނާތީ އެވެ. ކްލަބާ އަލަށް ހަވާލުވި ޗައިނާގެ ސުނިން ގްރޫޕުން ވެސް ބޭނުންވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިން ގެނެސް މުސްތަގުބަލަށް ޓީމެއް ބިނާކުރާށެވެ.

މަންޗިނީ ވަނީ މި މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޓަގެ ރައީސް އެރިކް ތޯހިރުއާ ބައްދަލުކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ އަށް ހައްލެއް ނުލިބި ވަނިކޮށް ޕްރެކްޓިސް މެޗަކުން ޓޮޓެންހަމް އަތުން 6-1 އިން އިންޓަ ބަލިވުމުން މައްސަލަ އިތުރަށް ގޯސްވީ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަގެ ވެރިން ވަނީ މަންޗިނީ އަށް އިސްތިއުފާ ދިނުމަށް ވެސް ހުށަހަޅައިފަ އެވެ. އިސްތިއުފާ ދިނުމާ މެދު މަންޗިނީ ވަކިގޮތެއް ނުނިންމަނީސް އިންޓަ އިން މިއަދު ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ.

އިންޓަގެ އެންމެ ވަރުގަދަ ދުވަސްވަރު އެ ޓީމަށް އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފައިވާ މަންޗިނީ އަލުން އެ ޓީމާ ހަވާލުވީ މިދިޔަ ސީޒަނުގަ އެވެ. އިންޓައާ ދެން ހަވާލުވާނެ ކަމަށް ރިޕޯޓްތައް ބުނަނީ އަޔެކްސްގެ ކޯޗު ފްރޭންކް ޑިބޮޔާ އެވެ.