20 ސެޕްޓެމްބަރ 2018 - 23:52

ފެން ކުންފުނި، އެމްޑަބްލއުއެސްސީގެ ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
އެ ކުންފުނިން އާންމުކުރި ދެންނެވުމެއްގައި ބުނީ، ފެން ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މާފު ކޮށްދިނުމުގެ އުސޫލެއް ތައާރަފުކޮށްފައިވާ ކަމަށާއި އެ އަށް މިއަދުން ފެށިގެން އަމަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ތެރެއިން، ކަނޑައެޅިފައިވާ ހާލަތްތަކަށް ރިއާޔަތްކޮށް، ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފެން ބިލަށް އަރާފައިވާ ޖޫރިމަނާ 100 ޕަސެންޓާ ހަމައަށް މާފުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
"އަދި މި ގޮތުން، އެކި ހާލަތްތައް މެދުވެރިވެ، ފެން ބިލްތަކަށް ފައިސާ ނުދެއްކި ގިނަ ދުވަސްވެ، ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަން ފާހަގަކުރަމެވެ،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
އާދިއްތަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާއިރު، އެމްޑަބްލިއުއެސްސީގެ ފެން ބިލްގެ ޖޫރިމަނާ މާފުކުރަން ނިންމިއިރު، ހުޅުމާލޭގެ ފްލެޓުތަކަށް ފައިސާ ނުދައްކައި ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް އެޗްޑީސީން ވެސް ވަނީ ނިންމައިފަ އެވެ.