ބައެއް ބަލިތަކަށް ގޭގައި ޓެސްޓްކުރެވޭނެ އުފެއްދުމެއް
ބައެއް ބަލިތަކަށް ގޭގައި ޓެސްޓްކުރެވޭނެ އުފެއްދުމެއް

ނުރައްކާތެރި ބަލިބަލީގެ ޝިކާރައަކަށްވާ އިރު ކޮންމެވެސް ނިޝާންތަކަކާއި އަލާމާތްތަކެއް ފެނެއެވެ. ބައެއް ފަހަރު މިހެން ފެންނަ ޝައްކުކުރެވޭ ޒާތުގެ ކަންކަމަކީ މާ ބޮޑު ކަމަކަށް ނުވެ ވެސް ހިނގައިދާނެއެވެ. އެކަން ކަށަވަރުކުރެވެނީ ކްލިނިކަކުން ނުވަތަ ލެބޯޓްރީއަކުން ކުރާ ޓެސްޓްތަކަކަށްފަހުއެވެ.

މިފަދަ ޓެސްޓްތައް ކުރުމަށް އާންމުކޮށް ކުރާ ކަމަކީ ލޭ ނެގުމެވެ. ނުވަތަ ބައެއް ކަހަލަ ބަލިބަލީގެ ނުރައްކާތެރިކަން ހުރި މިންވަރެއް ކަށަވަރުކުރުމަށް، ކުޑަކަމުދާ ތަކެތި ޓެސްޓްކުރަންޖެހެއެވެ. މިގޮތަށް ކުރެވޭ ޓެސްޓްތަކުގެ ނަތީޖާ މިހާތަނަށް ލިބެމުން އައީ ލެބޯޓްރީ ރިޕޯޓްތަކުންނެވެ. އެހެނަސް، މިހާރު މިވަނީ އަތްފޯރާ ފަށަށް މިކަން ވެސް ތިރިވެފައެވެ.

ސިއްހަތު ވަޒަންކުރާ ތަފާތު އާލާތްތައް އުފައްދަމުން އައި ކުންފުންޏެއްކަމަށްވާ ސްކަނާޑޫ، ރީބްރޭންޑްކުރުމަށްފަހު އާ ނަމަކާ އެކު މިފަހަރު އައީ އިންގިލާބީ މޮޅު އުފެއްދުމަކައިގެންނެވެ. އިނުއީ ހެލްތުގެ ނަމަށް ބަދަލުކޮށްފައިވާ މި ކުންފުނީގެ އާ އުފެއްދުމަކީ ސްކޭނާފްލޯގެ ނަމުގައި އެ ކުންފުނިން ފައްކާކުރާ އެއްޗެކެވެ. މި ޑިވައިސް، އެތައް އަހަރަކަށްފަހު ބާޒާރަށް މި ނުކުންނަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. މިއީ ކުޑަކަމުދާ ތަކެތިން ބައެއް ބަލިބަލީގެ ތަހުލީލު ގޭގައި ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މި ޑިވައިސްގެ އިތުރުން މި ތަހުލީލު ފުރިހަމަކުރެވޭނީ މިއާ ގުޅޭ މޯބައިލް އެޕްގެ އެހީގައެވެ.

މި ތަހުލީލީ އާލާތް ބޭނުންކުރާކަށް މާ ބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހެއެވެ. މިއާ އެކުގައިވާ، އެއްފަހަރު ބޭނުންކުރާ ކުޑަ ތައްޓަށް، ކަނޑައެޅި ފާހަގަޖަހާފައިވާ ހިސާބަށް އަރާ ވަރަށް ކުޑަކަމުދާ ތަކެތި އެޅުމަށްފަހު އޭގެ ތެރެއަށް ޓެސްޓްކުރާ ފަތިކޮޅު ގަންބާލާފައި ނަގާނީއެވެ. އެއަށްފަހު އަޅިކުލައިގެ ޝީޓެއްމަތީ އުއްޑުން ބާއްވާނީއެވެ. އިރުކޮޅެއްތެރޭ، ޓެސްޓްކުރާ ފަތިކޮޅުގައިވާ ހުސް ޖާގައަށް އަރާ ރީޑިންގް، ސްމާޓްފޯން އެޕުން ސްކޭންކުރާނީއެވެ. ދެން، ކަލަރިމެޓްރިކް އެނޭލިސިސްއެއް ހެދުމަށް ފަހު މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ އެނޭލިސިސްއިން ދެއްކި ނަތީޖާ އެޕުން ހާމަކޮށްދޭނެއެވެ.

ކުޑަކަމުދާ ތަކެތީގައި ޕްރޮޓީނާއި، ގްލުކޯޒާއި، ލޫކޮސައިޓްސްއާއި، ނައިޓްރައިޓްސްއާއި ކެޓޯންސް ހުރިވަރު މި ނަތީޖާއިން އަންގައިދޭނެއެވެ. މިއީ އާންމު ސިއްހަތާއި، ގުރުދާގެ ހާލަތާއި، މެޓަބޮލިކް މައްސަލަތަކާއި، ކުޑަކަމުދާ ހޮޅީގެ ހާލަތު ވަޒަންކުރަން ބޭނުންކުރެވޭނެ މައުލޫމާތުތަކެކެވެ. އެމެރިކާގައި ނަމަ، މި މައުލޫމާތުތައް ޑޮކްޓަރާ ހިއްސާކުރެވޭނެ ނިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ބެލެވޭ ގޮތުގައި މިއީ ތިމާގެ އާންމު ސިއްހަތު ގޭގައި ވެސް ބަލައި، ޑޮކްޓަރުންގެ އިރުޝާދު ކުރިމަގުގައި އިތުރަށް ހޯދުމަށް މަގު ތަނަވަސްކުރުވާނެ އެފެއްދުމެކެވެ.