20 ސެޕްޓެމްބަރ 2018 - 15:25

އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ، އިންތިޚާބީ ޝަކުވާގެ މައްސަލަތައް، އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ވެސް ހައި ކޯޓަށް ހުށަހެޅޭ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.
ހައި ކޯޓުން ބުނީ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އިން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް އަދި އާދިއްތަ ދުވަހު ހެނދުނުން ފެށިގެން އެރޭ މެންދަމު 12:00 އާ ހަމައަށް އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް އެ ކޯޓުގެ ރަޖިސްޓްރޭޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ނޫން ގަޑިއެއްގައި އެފަދަ މައްސަލައެއް ހުށަހަޅާ ނަމަ، އެ ކޯޓުގެ ރަޖިސްޓްރޭޝަނަށް މެއިލް ކޮށްގެން އެކަން ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮންނަ ގޮތުން އިންތިޚާބާ ބެހޭ ގާނޫނުތަކާއި ނުވަތަ ގަވާއިދުތަކާ ޚިލާފް ކަމެއް ކޮށްފި ނަމަ ނުވަތަ އިންތިޚާބީ ޝަކުވާއަކާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށެވެ. އެފަދަ ޝަކުވާތައް ހައި ކޯޓަށް ހުށަހެޅުމުގެ ހައްގު ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާއި އޮބްޒާވަރުންނަށް ވެސް އޮންނާނެ އެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކެކެވެ. އަދި ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެފަދަ މައްސަލަތައް ހައި ކޯޓުން ނިންމަންޖެހެ އެވެ.