20 ސެޕްޓެމްބަރ 2018 - 15:23

މެލްބަން (ސެޕްޓެމްބަރު 20) - އޮސްޓްރޭލިއާގައި ސްޓްރޯބެރީން ތިނޯސް ފެންނަން ފެށުމާ އެކު ވުލްވޯތުސް ފަދަ ބޮޑެތި ސުޕަމާކެޓްތަކުން ތިނޯސް ވިއްކުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ސްޓްރޯބެރީން ތިނޯސް ފެންނަން ފަށާފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެހެންވެ ކަމާބެހޭ ފަރާތްތަކުން ވަނީ ސްޓްރޯބެރީ ކެއުމުގެ ކުރިން ރަނގަޅަށް ޗެކް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ތިނޯހެއް އޮތް ސްޓްރޯބެރީއެއް ކެވުނު މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.
އާއްމުންގެ ބިރުވެރިކަން ބޮޑުވުމުން މިހާރު ވަނީ މުޅި އޮސްޓްރޭލިއާގައި އެކަމުގެ ތަހުގީގެއް ފަށައިފަ އެވެ.
ވުލްވޯތުސް އިން ބުނީ މި ވަގުތަށް އެންމެ މުހިންމީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އަދި ސުޕަމާކެޓްތަކުން މި ވަގުތަށް ތިނޯސް ނުވިއްކަން ނިންމީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ.
ތިނޯސް ފެންނަ މައްސަލަ މިދިޔަ ހަފުތާގައި ފުރަތަމަ ފާހަގަވެފައި ވަނީ ކްއީންސްލޭންޑުންނެވެ. އޭގެ ފަހުން ނިއު ސައުތު ވޭލްސް، ވިކްޓޯރިއާ، ދި އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ އަދި ސައުތު އޮސްޓްރޭލިއާ އާއި ޓެސްމޭނިއާ އިން ވެސް ފެނިފައިވެ އެވެ.
ސްޓްރޯބެރީން ތިނޯސް ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ސްޓްރޯބެރީގެ މާކެޓް ވަނީ ވެއްޓިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީގެ ޕީކް ސީޒަނުގައި ދިމާވި މައްސަލައާ ގުޅިގެން އެތައް ހާސް މަސައްކަތު މީހުންނަކަށް ވެސް ވަނީ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީ މާކެޓުގެ އަގަކީ އަހަރަކު 130 މިލިއަން އޮސްޓްރޭލިއާ ޑޮލަރެވެ. ކްއީންސްލޭންޑުން ވަނީ ދަނޑުވެރިންނަށް ބަދަލުގެ ގޮތުގައި އެއް މިލިއަން އޮސްޓްރޭލިއާ ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
ކްއީންސްލޭންޑް ސްޓޭޓް ސަރުކާރުން ވަނީ އެކަން ކުރާ ބަޔަކު ހޯދުމަށް މަގުފަހިވާފަދަ މައުލޫމާތެއް ދިން ފަރާތަކަށް 100،000 އޮސްޓްރޭލިއާ ޑޮލަރު (72،000 އެމެރިކާ ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.