ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކާޖޮލްގެ އެންމެ ފަހުގެ ފިލްމު "ހެލިކޮޕްޓާ އީލާ" އަންނަ މަހުގެ 12 ގައި ސިނަމާތަކަށް އަންނަ އިރު، ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. އެއީ 2015 ގައި ރިލީޒް ކުރި "ދިލްވާލޭ" އަށް ފަހު، އޭނާ ކުޅުނު ފުރަތަމަ ހިންދީ ފިލްމެވެ.

ޕްރަދީޕް ސަރްކާރް ޑައިރެކްޓްކޮށްފައިވާ "ހެލިކޮޕްޓާ އީލާ" ގައި ކާޖޮލް ފެނިގެން ދާނީ ލަވަތަކިޔުންތެރިޔަކަށް ވާން މަސައްކަތްކުރާ އެކަނިވެރި މައެއްގެ ރޯލުންނެވެ. މި ފިލްމުގައި އޭނާގެ ދަރިފުޅުގެ ރޯލް ކުޅެފައި ވަނީ ބެންގާލީ އެކްޓަރު ރިދީ ސެން އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނީހާ ދޫޕިއާ، ޓޯޓާ ރޯއީ ޗައުދަރީގެ އިތުރުން އަމީތާބްގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ.

"ރުކް ރުކް" އަކީ 90 ގެ އަހަރުތަކުގައި ވަރަށް މަގުބޫލުވި ލަވައެކެވެ. އެ ލަވައަކީ ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ 1994 ގެ ފިލްމް "ވިޖޭޕަތު" ގެ ލަވައެވެ. އަޖޭ އާއި ތައްބޫގެ ނެށުންތައް ފެނިގެންދާ މި ލަވައިގެ އާ ވާޝަނެއް ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގައި ވަނީ ހިމަނައިފަ އެވެ.

ކުރީގެ ލަވައާ އެއްގޮތަށް މި ފަހަރުގެ ލަވައިން ވެސް ކެޗީ ސްޓެޕްތަކަށް ފެންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. އާ ލަވައަކީ ރަގަވް ސަޗަރުގެ މިއުޒިކްގެ ތެރެއަށް ފައްތާލައިފައި އޮތް ލަވައެކެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ހާންގެ ބައޮގްރަފީ ނެރެން ނިންމައި، އޭގެ ކަވަރު ދައްކާލައިފި އެވެ. ބައޮގްރަފީ އަށް ދީފައިވާ ނަމަކީ "ދަ ބެސްޓް މިސްޓޭކްސް އޮފް މައި ލައިފް" އެވެ. ޕެންގްއިންގެ ތައްގަނޑުގައި ނެރޭ މި ފޮތް ރަސްމީކޮށް ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސަންޖޭ، 78، އަކީ ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ހާނާއި އެކްޓަރު ޒައިދް ހާންގެ ބައްޕަ އެވެ. އޭނާއަކީ 1960 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ވިދައިލި އެކްޓަރެކެވެ. ސަންޖޭ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އޭކް ޕޫލް ދޯ މާލީ"، "ދަސް ލާކް"، "އިންތިގާމް" އަދި "މޭލާ" ފާހަގަކޮށްލެވެ އެވެ.

ދާދި ފަހުން ރިލީޒް ކުރި "ރޭސް 3" އާއި "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" ގައި ވެސް ހާއްސަ ލަވަތަކެއް ކުޅެފައިވާ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް އެހެން ފިލްމަކަށް ލަވައެއް ކުޅެފި އެވެ. މި ފަހަރު އޭނާ ފެނިގެން ދާނީ އަންނަ ޑިސެމްބަރު މަހުގެ 7 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" ގެ ލަވައަކުންނެވެ.

އެ ލަވައަކީ ކުރީގެ މަޝްހޫރު ނެށުންތެރިޔާ ހެލެންގެ ފަރި ހަރަކާތްތައް ފެނިގެން ދިޔަ މަޝްހޫރު ލަވަ "އޫ މުގްޅާ" ގެ އާ ވާޝަނެކެވެ. އެ ލަވައަކީ ފިލްމު އިންކާރް (1978) ގައި ހިމެނޭ ލަވައެކެވެ.

"ޓޯޓަލް ދަމާލް" ގައި ހިމެނޭ ސޮނާކްޝީގެ ވާޝަނުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް މިހާރު ވަނީ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.

އިންދަރް ކުމާރް ޑައިރެކްޓް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރް، މަދޫރީ ޑިކްސިޓް، އަޖޭ ދޭވްގަން، އަރްޝަދު ވަރްސީ، ރިތޭޝް ދޭޝްމުކް ފަދަ ތަރިން ހިމެނެ އެވެ.