"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ޑައިރެކްޓްކުރަން ކެރީ ފުކްންގާއާ ހަވާލުކޮށްފި
"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ޑައިރެކްޓްކުރަން ކެރީ ފުކްންގާއާ ހަވާލުކޮށްފި

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމު ޑައިރެކްޓް ކުރަން އެމެރިކާގެ ޑައިރެކްޓަރު ކެރީ ޖޯޖީ ފުކްންގާއާ ހަވާލުކޮށް، ފިލްމް 2020 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ޖޭމްސް ބޮންޑްގެ ޓްވިޓާ އިން، ދެ ޕްރޮޑިއުސަރުން ކަމަށްވާ ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖީ ވިލްސަންއާ ހަވާލާދީ ބުނީ ކެރީއާ އެކު "ޖޭމްސް ބޮންޑް" ގެ ފިލްމެއް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާއަކީ އަބަދުވެސް ތަފާތު ދައްކުވައިދޭ ޑައިރެކްޓަރެއް ކަމަށެވެ.

ޓްވިޓާގައި ބުނި ގޮތުގައި ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށާނީ މާޗް، 4، 2019 ގަ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ، 14، 2020 ގަ އެވެ.

މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު، 8، 2019 ގަ އެވެ.

ޑައިރެކްޓަރު ޑެނީ ބޮއެލް "ޖޭމްސް ބޮންޑް" 25 ދޫކޮށްލުމުން މި ފިލްމުގެ ޑައިރެކްޝަނާ ދެން ހަވާލުވާނެ ކަމަށް މީޑިއާތަކުން ލަފާ ކުރި އެއްވެސް މީހަކާ ހަމައަށް ނުގޮސް، ފިލްމު މި ފަހަރު ހަވާލު ކުރި ކެރީ، 41، އަކީ އިޓް (2017) އާއި ބީސްޓްސް އޮފް ނޯ ނޭޝަން (2015) ފަދަ ފިލްމްތަކުގެ ޑައިރެކްޓަރެވެ.

އޭނާ މިހާތަނަށް ޑައިރެކްޓްކޮށްފައި ވަނިީ އެންމެ ހަތަރު ފިލްމެވެ. އަދި ދެ ސިލްސިލާއެއް ޑައިރެކްޓްކޮށްފައިވެ އެވެ. އެއީ "ޓްރޫ ޑިޓެކްޓިވް" އާއި "މެނިއަކް" އެވެ.

އިނގިރޭސީ ޖާސޫސީ އެޖެންޓްގެ ރޯލް ޑެނިއެލް ކްރެއިގް ފަސް ވަނަ ފަހަރަށް ކުޅޭ ބޮންޑްގެ 25 ވަނަ ފިލްމުގެ ރަސްމީ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

ފިލްމު "ސްލަމްޑޯގް މިލިއަނާ" އިން 2009 ގައި އޮސްކާ ހާސިލު ކުރި ޑެނީ ފިލްމު ދޫކޮށްލީ އޭނާގެ ސްކްރިޕްޓާ ދޭތެރޭ ޕްރޮޑިއުސަރުންނާ ހިޔާލު ތަފާތުވެގެންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމްގެ ސްކްރީންޕްލޭ މިހާރު ހަވާލުކޮށްފައި ވަނީ ކްރެއިގް ޓައިޓްލް ރޯލް ކުޅުނު ހަތަރު ފިލްމްގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ނީލް ޕުރްވިސް އާއި ރޮބަޓް ވޭޑްއާ އެވެ.

ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމް "ސްޕެކްޓާ" ސޭމް މެންޑޭޒް ޑައިރެކްޓްކޮށް ގެނެސް ދިނީ 2015 ގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 880.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ފިލްމު ހަދަން ހަރަދު ކުރީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރެވެ.