20 ސެޕްޓެމްބަރ 2018 - 14:34

ނިއު ދިއްލީ (ސެޕްޓެމްބަރު 20) - އިންޑިއާގެ ޖެޓް އެއާވޭސްގެ ޕައިލެޓަށް ކެބިން ޕްރެޝާ ސްވިޗް އޮން ކުރަން "ހަނދާން ނެތުމުން" 30 އަށް ވުރެ ގިނަ ޕަސިންޖަރުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
މުމްބާއީ އިން ޖައިޕޫރަށް ދަތުރުކުރި 9ޑަބްލިއު 697 ފްލައިޓް ވަނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނބުރާލައިފަ އެވެ. ކެބިން ޕްރެޝަރު ދަށްވުމުން 30 އަށް ވުރެ ގިނަ ޕަސިންޖަރުންގެ ނޭފަތުންނާއި ކަންފަތުން ވަނީ ލޭ އައިސްފަ އެވެ. މީގެ ތެރޭން ގިނަ މީހުންނަށް ވަނީ ފަރުވާ ދޭން ޖެހިފަ އެވެ. ބޯޓުން 166 ޕަސިންޖަރުން ދަތުރުކުރި އެވެ.
ބޯޓުގައި ތިބި ބައެއް މީހުން ނެގި ވީޑިއޯތަކުން، އޮކްސިޖަން މާސްކް ތިރިކޮށްފައިވާ މަންޒަރު ފެނެ އެވެ. އަދި ބައެއް މީހުންގެ ނޭފަތުުން ލޭ އަންނަ މަންޒަރު ވެސް ވީޑިއޯތަކުން ފެނެ އެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ބުނީ ތަހުގީގު ކުރިއަށް ދާތީ ޖެޓް އެއާވޭސްގެ ކޮކްޕިޓްގެ ކްރޫން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ޑައިރެކްޓަރޭޓް ޖެނެެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ލަލިތު ގުޕްތާ ވިދާޅުވީ ކެބިން ޕްރެޝާ އެޖަސްޓް ކުރަން ކްރޫން ހަނދާން ނައްތާލާފައިވާ ކަމަށެވެ.
ޖެޓް އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު ދަތުރުކުރި ފްލައިޓުގެ ކެބިން ޕްރެޝަރު ދަށްވުމުން އަނބުރާ ޖައްސާފައިވާ ކަމަށެވެ.
ބޯއިން 737 ގެ ބޯޓު 166 ޕަސިންޖަރުންނާއި ފަސް ކްރޫންނާ އެކު ރައްކާތެރިކަމާ އެކު މުމްބާއީ އަށް ވަނީ ޖައްސައިފަ އެވެ.
ލަންޑަނުން މުމްބާއީ އަށް ދަތުރުކުރި ޖެޓް އެއާވޭސްގެ ފްލައިޓެއްގެ ކޮކްޕިޓްގައި ތަޅައިގަތް ދެ ޕައިލެޓުން ޖެނުއަރީ މަހު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ ބޯޓުން 324 ޕަސިންޖަރުން ދަތުރުކުރި އެވެ.