ސްޕޯޓްސް ކޮމިޝަނަރު ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާތިލްކޮށްފި
ސްޕޯޓްސް ކޮމިޝަނަރު ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާތިލްކޮށްފި

ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނުން އެ އިންތިހާބު ބާތިލްކޮށްފި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވީ، މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު އަލުން ބާއްވަން އަންގާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ނުކުތާތަކެއް ފާހަގަވެފައިވަނީ. އެގޮތުން ވޯޓް ލުމުގެ ހައްގު ލިބެން ނުޖެހޭ ފަސް ކްލަބެއް ވަނީ ވޯޓުގައި ބައިވެރިވެފައި. އެހެންކަމުން އިންތިހާބު ބާތިލްކުރަން މަޖުބޫރުވީ. އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު ބާއްވަން މިހާރު އަންގާފައިވަނީ،" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބު ކެންސަލްކުރި އިރު، އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.

ކާނަލް ވިދާޅުވީ އިންތިހާބުގައި އޮޅުވާލައިގެން ފަސް މެމްބަރަކު ލައްވައި ވޯޓް ލާފައިވާ ކަމަށާއި އަދި ދިވެހި ސިފައިންގެ ކްލަބަށް ވޯޓްލުމުގެ ހައްގު ދީފައިނުވާ ކަމަށެވެ. މީގެ އިތުރުން ވެސް އިންތިހާބުގައި ނުފޫޒު ބޭނުންކޮށް ބޭއިންސާފުން އެތައް ކަމެއް ކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް މުހައްމަދު ރިޔާޒް އިންތިހާބުވެވަޑައިގަތީ، އިންތިހާބުގެ ފުރަތަމަ ބުރުގައި ކާނަލްއާ އެއްވަރުވެ، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން ކުރި ހޯއްދަވައިގެންނެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން، ސްޕޯޓްސް ކޮމިޝަނަރަށް ވަނީ ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ބާރު ދީފަ އެވެ.