20 ސެޕްޓެމްބަރ 2018 - 13:50

ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދާ "ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި އެމްއެމްޕީއާރުސީ އާއެކު ރާއްޖެ ހަ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މިމަހުގެ 2 ން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ އެ އެކްސްޕޯގައި ހުންނަ ރާއްޖޭގެ ސްޓޭންޑް ޑިޒައިންކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށް ކަމަށެވެ. އަދި އެ ފެއާގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް ޖަޕާން މާކެޓްގައި އިޝްތިހާރުކުރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ފެއާގައި، ޖަޕާނުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އިންޑަސްޓްރީގެ އިސް ބޭފުޅުންނާއި ޖަޕާންގެ އެންމެ މަގުބޫލު މީޑިއާތަކާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ބޮޑެތި އެއާލައިންތަކާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވޭނެ އެކި ކެމްޕޭންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނީ އެ މިފެއާގައި ރާއްޖޭގެ ސްޓޭންޑްއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ޖަޕާނުގައި މަގުބޫލު ގޭމެއް ކަމަށްވާ "ބިންގޯ ގޭމް" ކުޅުން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ހަރަކާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހުށަހަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 2017 ވަނަ އަހަރު ޖަޕާނުން 41,133 ޓޫރިސްޓުން ޒިޔާރަތްކުރިއިރު އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 1.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ގައުމުން 22,110 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.