ރީތި ބޮޑު ދެ ލޯ؛ އެކަމަކު ހިތްދަތިކަމެއް
ރީތި ބޮޑު ދެ ލޯ؛ އެކަމަކު ހިތްދަތިކަމެއް

އިންސާނުންގެ ރީތިކަން އެންމެ ބޮޑަަށް ދައްކުވައިދޭ އެކައްޗަކީ ލޮލެވެ. އުމުރުން އެންމެ ދެ އަހަރުގެ މި ކުއްޖާ ވެސް ހާއްސަވަނީ ލޮލުންނެވެ.

އެމެރިކާ މިނިސޯޓާ ސްޓޭޓަށް އުފަން މެހްލާނީ އަކީ ބޮޑު ދެ ލޯ ހުރި ކުއްޖެކެވެ. އެ ކުއްޖާގެ ލޮޅުގެ ކަޅުކަޅި ބޮޑުކަމުން، ލޮލުގެ ހުދުބައި ނުހުންނަހެން ވެސް ހީވެދާނެ އެވެ. މިއީ އުފަންވީ އިރު ވެސް މެހްލާނީގެ ލޯ ހުރި ގޮތެވެ.

މިއީ ކެރީނާގެ މައިންބަފައިންނަށް އޮތް ބޮޑު ފިކުރެކެވެ. އެ ދެ ލޯ ބޮޑުވެގެން އެކަމާ އުފާކުރުމުގެ ބަދަލުގައި އެ މީހުންނަށް ޖެހިފައި ވަނީ ދަރިފުޅުގެ ލޮލުގެ ފެނުން ގެއްލިދާނެތީ އެކަމަށް ފަރުވާ ކުރާށެވެ.

ކެރީނާގެ ބޮޑު ދެ ލޮލުގެ ހަގީގަތަކީ ނާދިރު ބައްޔެކެވެ. އެއީ އެކްޒެންފެލްޑް-ރެއިގާ ސިންޑްރޮމެވެ. މި ބަލީގެ ސަބަބުން، ލޯ ފުރިހަމަ ވާން ޖެހޭ މިންވަރަށް ފުރިހަމަ ނުވުމާ އެކު، ގްލޮމޯކާގެ އަސަރު ކުރެ އެވެ.

ނާދިރު ބަލީގެ ޝިކާރައަކަށް ދަރިފުޅުވިކަން އެނގުނީ ވިހޭ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށް އޭނާގެ މަންމަ ކެރީނާ މާޓިނެޒް ދި އިންޑެޕެންޑެންޓް ނޫހަށް ބުންޏެވެ. އެހެންވެ ލޮލުގެ ފެނުމުގެ ސަލާމަތަށްޓަކައި އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އެ އޮޕަރޭޝަން ކުރެވުނީ މެހްލާނީގެ އުމުރުން އެންމެ ފަސް މަހުގަ އެވެ.

އޮޕަރޭޝަން ކާމިޔާބު ނަމަވެސް ދަރިފުޅުގެ ހާލަތާ މެދު އޮތް ފިކުރަކަށް ނިމުމެއް ނާދެ އެވެ. ބޭރުތެރެއަށް ނުކުންނަ އިރު އަބަދު ވެސް އަވި އައިނު އަޅަންޖެހެ އެވެ. މެހްލާނީގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އަދިވެސް އެބަ އޮތެވެ.

އަނެއްކޮޅުން، ދަރިފުޅުގެ ލޮލާ ދޭތެރޭ މީހުން ދެކޭ ގޮތާ މެދު ވެސް ކެރީނާ ހުންނަނީ ހާސްވެ ފިކުރު ބޮޑުވެފަ އެވެ. އެ ޝުއޫރުތައް އޭނާ ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އަދި ބައެއް މީހުންނަށް ދަރިފުޅުގެ ލޯ ފެނިގެން ދައްކާފައި ހުރި ވާހަކަތަކުގެ ސަބަބުން އުނދަގޫ އިހުސާސްތަކެއް ކުރެވޭ ކަމަށް ބުންޏެވެ.

"އަހަރެން ދެން އެންމެ ކަންބޮޑު ވަނީ ދަރިފުޅު ސްކޫލަށް ދާން ފެށީމަ އެހެން ކުދިން ދަރިފުޅާ ދޭތެރޭ ދެކެފާނެ ގޮތަކާ މެދު،" ކެރީނާ ބުންޏެވެ.

ނަމަވެސް ޓްވިޓާގައި ކެރީނާ ފާޅުކުރި ޝުއޫރުތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ޓްވިޓާގައި އޭނާ އަށް ހިތްވަރު ދީފަ އެވެ. އަދި ދަރިފުޅު މިހާރު ވެސް ލޯބި ކަމަށާއި ހެޔޮ ސިއްހަތަކަށް އެދޭ ކަމަށް ބުނެފައިވެ އެވެ.