20 ސެޕްޓެމްބަރ 2018 - 13:17

އިސްލާމްއާބާދު (ސެޕްޓެމްބަރު 20) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސަސްޕެންޑްކޮށް އޭނާ ވަގުތުން ދޫކޮށްލަން އިސްލާމްއާބާދު ހައި ކޯޓުން އިއްޔެ އެންގުމާ އެކު ނަވާޒް ޝަރީފް ޖަލުން ނެރުމުން އެތައް ބަޔަކު އޭނާ އަށް މަރުހަބާ ކިޔައިފި އެވެ.

ކޮރަޕްޝަނުގެ ކުށުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މިދިޔަ އަހަރު މަގާމު ގެއްލުނު ނަވާޒް ޝަރީފާ އެކު، ދަރިކަނބަލުން މަރިޔަމް ނަވާޒް އާއި ދަނބިދަރިކަލުން ސަފްދާރު ވެސް އިއްޔެ ވަނީ ޖަލުން ދޫކޮށްލައިފަ އެވެ.

ނަވާޒް ޝަރީފް ޖަލުން ދޫކޮށްލަން އެންގުމާ އެކު އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ރާވަލްޕިންޑީގެ އަޑިއަލާ ޖަލު ސަރަހައްދަށް އެއްވެފަ އެވެ. ނަވާޒް ޝަރީފް ޖަލުން ނެރެގެން ގެންދިޔަ ކާރު ވަށާލައިގެން ތިބެ އެތައް ބަޔަކު ވަނީ ފިނިފެން މާ އުކައިފަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ޖުލައި މަހު އެވެ. އެ މައްސަލާގައި މަރިޔަމްގެ މައްޗަށް ހަތް އަހަރު އަދި ސަފްދާރަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭރު ނަވާޒް ޝަރީފާއި މަރިޔަމް ހުންނެވީ ލަންޑަނުގަ އެވެ.
ޖުލައި މަހު ފަހުކޮޅު އިސްލާމްއާބާދަށް ވަޑައިގަތުމާ އެކު ނަވާޒް ޝަރީފާއި މަރިޔަމް ވަނީ އެއާޕޯޓުން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.
"ބަދަލު ހިފުމުގެ ތެރޭން އިއްވި ހުކުމް ކޯޓުން އެ ވަނީ ސަސްޕެންޑްކޮށްފައި. ޕާކިސްތާނުގައި ލޯ އަނދިރި މީހަކަށް ވެސް އެނގޭނެ އެއީ ގާނޫނު އަސާސީގެ މައްޗަށް ބިނާކޮށް އިއްވާފައިވާ ހުކުމެއް ނޫންކަން. އެއީ އިމްރާން ޚާން ވެރިކަމަށް ގެންނަން ވޯޓު އޮޅުވާލަން ކޮށްފައިވާ ހުކުމެއް،" ކުރީގެ މިނިސްޓަރެއް ކަމަށްވާ އަހުސަން އިގްބާލް ވިދާޅުވި އެވެ.
ނަވާޒް ޝަރީފުގެ ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި އޭނާގެ ކޮއްކޮ ޝަހްބާޒް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ބާތިލް ނެތިގޮސް ހައްގު ފާޅުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ.
ނަވާޒް ޝަރީފުގެ އަނބިކަނބަލުން މިދިޔަ ހަފުތާގައި ވަނީ އަވަހާރަވެފަ އެވެ. އަނބިކަނބަލުންގެ ޖަނާޒާ އަށް ނަވާޒް ޝަރީފް ވަނީ ޕެރޯލުގެ ދަށުން ފަސް ދުވަހަށް ޖަލުން ނެރެފަ އެވެ.