ޑިޕާއީގެ މޮޅު ކުޅުން ޔުނައިޓެޑަށް ނުފެނޭ
ޑިޕާއީގެ މޮޅު ކުޅުން ޔުނައިޓެޑަށް ނުފެނޭ

މެންޗެސްޓާ (ސެޕްޓެމްބަރު 20) – މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ހޭދަކުރި 19 މަސް ދުވަހުގެ ތެރޭގައި އޭނާގެ އެންމެ މޮޅު ކުޅުން އެ ކްލަބުގެ ސަޕޯޓަރުންނަށް ފެނިފައިވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެމްފިސް ޑިޕާއީ ބުނެފި އެވެ.

ޔުނައިޓެޑުން 2015 ވަނަ އަހަރު 31 މިލިއަން ޕައުންޑުގެ އަގަކަށް ގަތް ޑިޕާއީ ވަނީ އެ ކްލަބަށް 53 މެޗުން ހަތް ގޯލް ޖަހައިދީފަ އެވެ. އެކަމަކު އެއީ އޭނާއާ މެދު އުއްމީދުކުރި ވަރަށް ވުރެ ދަށް ކުޅުމެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ އޮލިމްޕިކް ލިޔޯނަށް ބަދަލުވެފަ އެވެ.

"އެންމެންނަށް އެނގޭ އަހަންނާއި މެންޗެސްޓާ ޔުނައިޓެޑުގެ ޗެޕްޓަރު ކާމިޔާބު ނޫންކަން. އަހަރެން ބޭނުންވި ގޮތެއް ނޫން އެއީ. އެއްވެސް މީހަކު ބޭނުންވި ގޮތެއް ނޫން އެއ.ީ އެކަމަކު އެހެން އެކަން ވެފައި އޮތީ،" ޑިޕާއީ ބުންޏެވެ.

އޭނާ ބުނީ އެއް ސީޒަނަށް ފަހު ޔުނައިޓެޑުގެ ޓީމުން ޖާގަ ގެއްލުނު ކަމަށާއި ފުރުސަތުތައް ވެސް މަދުވި ކަމަށެވެ. އޭނާ ފްރާންސަށް ބަދަލުވެ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ 74 މެޗުން 28 ގޯލް ޖަހައިފަ އެވެ.

"ބައެއް ފަހަރު ކުރީގެ ތަޖުރިބާތަކުގެ ތެރެއިން ފައިދާތައް ކުރާނެ. އަހަންނަށް ޔަގީނުން ވެސް އެކަމުން ފައިދާތަކެއްވި. ނަފްސާލީ ގޮތުން ވެސް އަހަރެން ވަރުގަދަވި،" ޑިޕާއީ ބުންޏެވެ.

އޭނާ އަލުން ގަތުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުން އެ ކްލަބުން ހިފާނެ ކަމުގެ އިޝާރާތެއް ނުލިބެ އެވެ. ޑިޕާއީ ގަތުމަށް ޔޫރަޕުގެ އެހެން ކްލަބްތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.