ސަލާމް ބުނުމުން އުނިކުރި ފައިސާ އަނބުރާ ނުދޭތީ ކޯޓަށް ހުށަހަޅައިފި
ސަލާމް ބުނުމުން އުނިކުރި ފައިސާ އަނބުރާ ނުދޭތީ ކޯޓަށް ހުށަހަޅައިފި

ސިވިލް ސާވިސް މުވައްޒަފަކު ސަލާމް ބުނުމުން އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ނުދިނުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނި ކުރަމުން ދަނިކޮށް އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ހައި ކޯޓުން 2015 ގައި ވަނީ ހުކުމްކޮށްފަ އެވެ. އެގޮތަށް ހުކުމް ކުރުމުގެ ކުރިން މުވައްޒަފުންގެ ސާވިސް އެލަވަންސުން އުނިކޮށްފައި ހުރި ފައިސާ ހޯދަން ބައެއް މުވައްޒަފުން ދައުވާކުރި އެވެ.

ސަލާމް ބުނެގެން އުނިކުރި ބައި ފައިސާ އަނބުރާ ނުދޭތީ އެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފެކެވެ. އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފައި ވާއިރު، ޓްރައިބިއުނަލްގެ އެ ނިންމުމަށް ހައި ކޯޓުން ވެސް މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މުވައްޒަފުގެ ފަރާތުގެ މި ހަފުތާގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ފައިސާ ނުދޭތީ އެ ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި އެވެ.

ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރަން ފެށީ ސިވިލް ސާވިސް ގަވާއިދު 2014 ގައި އެގޮތަށް އޮތުމުންނެވެ. އެކަމަކު ސިވިލް ސާވިސް މުވައްޒަފަކު ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން ހައި ކޯޓުން ވަނީ އެ ގަވާއިދުގެ އެ މާއްދާ ބާތިލްކޮށް، ސަލާމް ބުނެގެން އެއްވެސް ފައިސާއެއް އުނި ނުކުރެވޭނެ ކަމަށް ކުރިން ހުކުމްކޮށްފަ އެވެ.