ޗާޕްކުރީ 264,756 ވޯޓު ކަރުދާސް: އިލެކްޝަންސް
ޗާޕްކުރީ 264,756 ވޯޓު ކަރުދާސް: އިލެކްޝަންސް

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް 264,756 ވޯޓު ކަރުދާސްކޮޅު ޗާޕް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

ޗާޕްކުރީ 264,756 ވޯޓު ކަރުދާސް: އިލެކްޝަންސް
ޗާޕްކުރީ 264,756 ވޯޓު ކަރުދާސް: އިލެކްޝަންސް

ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 262,135 މީހުންނަށެވެ.

އިތުރަށް ޗާޕް ކޮށްފައި ވަނީ 2،621 ވޯޓު ކަރުދާހެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދުގެ އިތުރަށް އެއް ޕަސެންޓް ކަރުދާސް ޗާޕްކުރަން ގާނޫނުން ހުއްދަކުރެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދުގެ އެއް ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ކަރުދާސް ޗާޕް ކޮށްފައި ނުވާނެ ކަމަށެވެ.

ވޯޓު ކަރުދާސް ޗާޕްކޮށްފައި ވަނީ ރާއްޖޭގެ ޗާޕްހާނާއެއް ކަމުގައިވާ އެމް ސެވަން ޕްރިންޓާސް އެންޑް ޕަބްލިޝާސް އިންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕްހާނާ އިން ހުށައެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑު އަގެއްގަ އެވެ. ކުޑަ އަގެއް ހުށަހެޅީ ނޮވެލްޓީންނެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަަގަކަށް އެމް ސެވަން އިން ހުށަހެޅީ 345.85ރ. އެވެ.

އެމް ސެވަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ އަގު ބޮޑުވި ސަބަބުތަކުގެ ތެރޭގައި ސެކިއުރިޓީ ފީޗާސްތައް ހިމެނޭ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި ގިނަ އިންތިހާބުތަކުގެ ވޯޓު ކަރުދާސް ޗާޕްކުރީ ނޮވެލްޓީންނެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުގައި ވޯޓު ކަރުދާސް ޗާޕް ކޮށްފައި ހުންނަންވާނީ ކައުންޓަ ފޮއިލް ހިމެނޭ ގޮތަށް، އަދި ވޯޓު ލާ ކަރުދާސްކޮޅާ ދެ ބައި ބުރިކޮށްލެވޭ ގޮތަށް ކައުންޓަ ފޮއިލްގައި ހީރަސް ޖަހައިގެންނެވެ.

އިލެކްޝަންސް އިން މިހާރު ވަނީ ރަށްތަކަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފަ އެވެ.