21 ސެޕްޓެމްބަރ 2018 - 06:15

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރެއިން ވަރުން ދަވަންއަކީ ކަރަން ޖޯހަރްގެ ލަފައަކަށް، އޭނާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައިވާ އެކްޓަރެކެވެ. އެގޮތުން އަށް ކްރޯޑުން 13 ކްރޯޑަށް އަގު ބޮޑުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަސްލު އަގު ހާމަ ނުކުރި ނަމަވެސް ވަރުން ވެސް ވަނީ ފިލްމު ކުޅެދޭ އަގުބޮޑުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެހެންވެ އޭނާ މިހާރު އާލިއާ ބަޓަށް ވެސް ދޭން އޮތީ ނަސޭހަތެކެވެ. ވަރުން ބުނި ގޮތުގައި އާލިއާއަކީ އޭނާގެ ހުނަރަށް ބަލާ އިރު، އަދި އެންމެ އެކަށީގެންވާ އަގެއް ލިބޭ ބަތަލާއެއް ނޫނެވެ.
ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި "ރާޒީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އާލިއާ ފިލްމު ކުޅެދޭ އަގުބޮޑުކޮށްފައިވެ އެވެ.
އާލިއާއާ އެކު އެކު ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގައި ބޮލީވުޑަށް ނުކުތް ވަރުން، އާލިއާ އަށް ދޭން އޮތް ނަސޭހަތަކީ މިއެވެ؛ ފިލްމް ކުޅެދޭ އަގު ބޮޑު ކުރާށެވެ.
"އަަހަރެން އަބަދުވެސް ބުނަން އާލިއާ ކައިރީ ކީއްހޭ ތި ކުރަނީ؟ ގަމާރު ހެއްޔޭ؟ ފިލްމްތައް ތި ކުޅެނީ މާ ކުޑަ އަގަކަށޭ. އަގު ބޮޑު ކުރާށޭ،" އަނުޝްކާ ޝަރްމާއާ އެކު ކުޅެ، މި މަހުގެ 28 ގައި ރިލީޒް ކުރާ ފިލްމު "ސުއީ ދޭގާ: މޭޑް އިން އިންޑިއާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވަރުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާލިއާ މިހާތަނަށް ކުޅުނު ފިލްމްތައް ކާމިޔާބުމުވުގެ އެންމެ ބޮޑު އެއް ސިއްރަކީ ޒުވާން ބަތަލާގެ މޮޅު ހުނަރެވެ. އެހެންވެ އޭނާ އަށް ބޮޑު އަގެއް ހައްގުވާ ކަމަށް ވަރުން ބުންޏެވެ.
އޭނާ ބުނީ "2 ސްޓޭޓްސް" އާއި "ޑިއާ ޒިންދަގީ" "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ"، "ބަދްރީނާތު ކީ ދުލްހަނިޔާ" އަދި "ރާޒީ" ފަދަ ފިލްމްތަކުގެ ކާމިޔާބީ ގުޅިފައި ވަނީ އާލިއާގެ މޮޅު އެކްޓިންއަށެވެ.
އެހެންވެ ބަތަލާއިންނާއި ބަތަލުންގެ އާމްދަނީގެ ފަރަގު ނައްތައިލާ ވާހަކަ ދައްކާ ނަމަ، އާލިއާ ފަދަ މޮޅު ބަތަލާއިންނަށް ހައްގުވާ އުޖޫރައަކަށް ވަކާލާތު ކުރެވޭނެ ކަމަށް ވަރުން ބުންޏެވެ.
މިހާތަނަށް ތިން ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައިވާ ވަރުން އާއި އާލިއާ މިހާރު އަންނަނީ ހަތަރު ވަނަ ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އެޕްރީލް، 19، 2019 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ.
އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޒޯޔާ އަހްތަރުގެ "ގަލީ ބޯއި"، އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ"، ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" އަދި ކަރަން ޖޯހަރްގެ "ތަހުތު" ހިމެނެ އެވެ.