ރުސްތުމް: އަންހެނުންނަށް ވަރަށް ކަމުދާނެ
ރުސްތުމް: އަންހެނުންނަށް ވަރަށް ކަމުދާނެ

އެކްޓަރު އަކްޝޭ ކުމާރު ބުނާ ގޮތުގައި އޭނާގެ އަލަށް ރިލީޒްކުރާ ފިލްމު "ރުސްތުމް" އަކީ އަންހެނުންނަށް ވަރަށް ކަމުދާނެ ފިލްމެކެވެ. ރޫޅެން ފަށާފައިވާ ކައިވެނިތައް އާބާދުކޮށްދޭނެ ފިލްމެކެވެ.

އަކްޝޭ ބުނި ގޮތުގައި "ރުސްތުމް" އަކީ ވަރަށް ތަފާތު ފިލްމެކެވެ. ފިލްމު ބިނާކޮށްފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކަމަށާއި މިއީ ފާރިސީ ނޭވީ އޮފިސަރެއްގެ ރޯލު އެކްޓަރަކު ކުޅޭ ފުރަތަމަ ފަހަރު ކަމަށް ވެސް އަކްޝޭ ބުނެފައިވެ އެވެ.

"ފިލްމު ބެލުމުން ކޮންމެ މީހަކަށް ވެސް ވިސްނޭނެ ކައިވެންޏެއް އާބާދުކުރަން މީހުން ކުރާ މަސައްކަތް. އެހެންވެ އެހާ ފަސޭހައިން ކައިވެނި ރޫޅިގެންދާން ބޭނުން ނުވާ މިންވަރު ވެސް ވިސްނޭނެ،" އަކްޝޭ ބުނެފައިވެ އެވެ.

މި ފިލްމު ބިނާކޮށްފައި ވަނީ ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކާއި އޭގެ ނަތީޖާގެ މައްޗަށެވެ. ފިލްމުގައި އަކްޝޭގެ އަންހެނުން އޭނާއަށް ބޭވަފާތެރިވަމުން ދެ އެވެ. އަދި ދިމާވާ ހާދިސާއެއްގައި އަކްޝޭގެ އަތުން އޭނާގެ އަންހެނުންގެ ލޯބިވެރިޔާ މަރުވެ އެވެ.

މި މަރުގެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު އާއްމުން އަކްޝޭ އަށް ތާއީދުކުރި ގޮތާއި ނޫސްތަކުގައި އެ ވާހަކަތައް ކަވަރުކުރަމުން ދިޔަ ގޮތް ފިލްމުގައި ދައްކަ އެވެ.

މިއީ 1959 ގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. ކަނޑުގެ ސިފައިންގެ މީހެއް ކަމަށްވާ ކޭ.އެމް. ނާނާވަތީ އޭނާގެ އަންހެނުންގެ ލޯބިވެރިޔާ މަރާލި ހާދިސާ އަކީ އެ ޒަމާނުގައި ވަރަށް މަޝްހޫރުވި ވާހަކަ އެކެވެ.

މި ފިލްމަށް ބޮލީވުޑް އެކްޓަރުންގެ ތެރެއިން ސަލްމާން ޚާން، ރަންވީރު ސިންގް، ސޮނާކްޝީ ސިންހާ، ސޯނަމް ކަޕޫރު، ސިދާރްތު މަލްހޯތުރާ، އަރްޖުން ކަޕޫރު ސަޕޯޓްކޮށްފައިވެ އެވެ. އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ފިލްމަށް ތާއީދުކުރާކަން މީޑިއާގައި ހާމަކޮށްފައިވެ އެވެ.

އަކްޝޭ ބުނި ގޮތުގައި އޭނާގެ ފިލްމަށް އިންޑަސްޓްރީގެ ސަޕޯޓް ލިބުމަކީ ޝުކުރުވެރިވުން ހައްގު ކަމެކެވެ. ޚާއްސަކޮށް ސަލްމާނަށް އަކްޝޭ ތައުރީފު ކުރި އެވެ. ސަބަބަކީ ފިލްމަށް ތާއީދުކުރާކަން ސޯޝަލް މީޑިއާގައި ފުރަތަމަ ހާމަކުރީ ސަލްމާން ކަމަށް ވާތީ އެވެ. އެހެން އެކްޓަރުންގެ ތާއީދު ފިލްމަށް އޮތްކަން ހާމަކުރަން ފެށީ އޭގެ ފަހުންނެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ރުސްތުމް" ގައި އަކްޝޭގެ އިތުރުން އިލައިނާ ޑިކްރޫޒް، އީޝާ ގުޕްތާ، އަރްޖުން ބާޖްވާ އަދި ޕަވަން މަލްހޯތުރާ ބައިވެރިވެ އެވެ.

މި ފިލްމު ރިލީޒްކުރާ ދުވަހު ބޮކްސް އޮފީހުގައި ކުރިމަތިލާނީ ރިތިކް ރޯޝަންގެ "މޮހަންޖޯ ދަރޯ" އާ އެވެ.