ކާމިޔާބު އެކްޓަރަކަށް ވާނެކަމުގެ އިތުބާރު އަބަދު ވެސް އޮވޭ: ރަންބީރު ކަޕޫރް
ކާމިޔާބު އެކްޓަރަކަށް ވާނެކަމުގެ އިތުބާރު އަބަދު ވެސް އޮވޭ: ރަންބީރު ކަޕޫރް

ރަންބީރު ކަޕޫރް ބޮލީވުޑަށް ނުކުތީ ފްލޮޕް ފިލްމު ސާވަރިޔާ (2007) އިން ކަމަށް ވިޔަސް، އޭނާ ފަހުން ވަނީ ކާމިޔާބު ފިލްމްތަކެއް ކުޅެ، ހުނަރު ދައްކައިލައިފަ އެވެ. އެހެންވެ ރިޝީ ކަޕޫރްގެ މި ދަރިފުޅަކީ ލޯބި ހޯދާފައިވާ އެކްޓަރެކެވެ.

"ބަރްފީ" އާއި "ވޭކް އަޕް ސިދް" އަދި "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ރަންބީރު މި ފަހުން ކުޅުނު ވަރަށް ގިނަ ފިލްމުތަކެއް ވަނީ ފުލުފުލުގައި ފްލޮޕްވެ، ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް ވެސް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި "ޖައްގާ ޖާސޫސް"، "ބޮމްބޭ ވެލްވެޓް"، "ބޭޝަރަމް، "ރޯއި" އަދި "ތަމާޝާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

އެކަމަކު މީގެ ދެ އަހަރު ކުރިން ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އާއި މި އަހަރު އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ސަންޖޫ" އާ އެކު ރަންބީރު ވަނީ އަލުން ހަމަމަގަށް އެޅިފަ އެވެ. އޭނާ ބުނި ގޮތުގައި އެކްޓަރަކަށް ކާމިޔާބީ އާއި ނާކާމީބީއާ ކުރިމަތިލާން ޖެހުމަކީ މައްސަލައެއް ނޫނެވެ.

އެކަމަކު ކާމިޔާބު މީހަކަށް ވާން ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށާއި ކާމިބީތައް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ވެސް ފަސޭހަ ނުވާނެ ކަމަށް ބުންޏެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި، 35 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ކޮންމެ ނާކާމިޔާބީއަކީ ފިލާވަޅެކެވެ.

"އަހަރެން ކޮންމެ ފެއިލިއާއަކުން ފިލާވަޅެއް ލިބިގަނެ، އިތުރަށް މަސައްކަތް ކުރަން އާ ހިތްވަރެއްލަން،" ރަންބީރު ބުންޏެވެ.

ރަންބީރު ބުނީ "ސަންޖޫ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ގިނަ ބަޔަކު އޭނާގެ އެކްޓިން ހުނަރަށް ތައުރީފުކޮށްފައިވާތީ އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަހަރެން އަބަދު ވެސް ގަބޫލު ކުރަން އަހަންނަކީ ކާމިޔާބު އެކްޓަރަކަށް ވާނެކަން. އެ އިތުބާރު އޮވެގެން އަބަދު ވެސް މަސައްކަތް ކުރަނީ. އެކަމަކު ބައެއް ފަހަރު ކުޅެން ހޮވާ ފިލްމުތަކަކީ އެންމެ ރަނގަޅު ހޮވުމަށް ނުވެގެން މައްސަލަތައް ދިމާވަނީ،" އޭނާ ބުންޏެވެ. "ކުރިއަށް އޮތް ތަނުގައި ބަލާނަން މާޒީގައި ލިބުނު ފިލާވަޅުތަކުން އިބުރަށް ހޯދައިގެން ކުރިއަށް ދާން."

ރަންބީރު ބުނި ގޮތުގައި އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާ އިރު ހުރީ، ގަޔާވާ ކަހަލަ އުންމީދީ މަސައްކަތްތަކެކެވެ. އޭގެ ތެރޭގައި "ބުރައްމަސްތުރާ"، "ޝަމްޝޭރާ" އަދި ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ.

އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ "ބުރައްމަސްތުރާ" އަކީ ރަންބީރު ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނެ ފިލްމެވެ. އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް، 15، 2019 ގަ އެވެ.