ޓެބްލެޓް މެދުވެރިކޮށް ނަތީޖާ އިއުލާން ނުކުރާނެކަމުގެ ޔަގީންކަން އީސީން ދީފި: ހިސާން
ޓެބްލެޓް މެދުވެރިކޮށް ނަތީޖާ އިއުލާން ނުކުރާނެކަމުގެ ޔަގީންކަން އީސީން ދީފި: ހިސާން

އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ ޓެބްލެޓް މެދުވެރިކޮށް ނޫން ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޝްހޫރު ގާނޫނީ ވަކީލު ހިސާން ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިއުލާންކުރާނީ މީގެ ކުރިން ވެސް އަމަލުކުރި ގޮތަށް ވޯޓު ލާ ތަނެއްގައި ވޯޓު ގުނުމަށްފަހު، އަނގަބަހުން އިއުލާންކުރުމަށް ފަހު ނަތީޖާ އަތުން ލިޔާނެކަމުގެ ޔަގީންކަން އީސީން ދީފައިވާ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާންކުރަން ރާވާފައި ވަނީ، ޓެބްލެޓުން ޖެނެރޭޓްކުރާ ނަތީޖާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންނެވެ.

"ގާނޫނީ ގޮތުން އެއީ ބޮޑު ކުށެއް ވޯޓުގެ ނުބައި ނަތީޖާއެއް އިއުލާންކުރުން، ވޯޓުގެ ނުބައި ނަތީޖާއެއް އިއުލާންކުރުން، މަކަރާއި ހީލަތް ހެދުން. އެއީ ގާނޫނީ ގޮތުން ހުސްކުށް. އިންތިހާބާ ބެހޭ އާއްމު ގާނޫނުގައި ވެސް މިފަދަ ކަންތައްތަކަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަންތައްތަކެއްކަން ބަޔާންކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ވޯޓުފޮށި ދޮށުގައި ތިބޭ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ވޯޓުގެ ނަތީޖާއަށް މަކަރު ހަދައި އޮޅުވާލައިފި ނަމަ އެ ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓު ގުނުމަށްފަހު އެތަނުގައި އިއުލާންކުރާ ނަތީޖާ ނޫން އެހެން ނަތީޖާއެއް އެއްވެސް މީޑިއާއަކުން އިއުލާންކުރެވިގެން ނުވާނެ. އެއީ ކަނޑައެޅިގެން ގާނޫނުގައި ވެސް މަނާ ކަމެއް،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓު ނަގާ ތަނުގައި އިއުލާންކުރާ ނަތީޖާ ނޫން އެހެން ނަތީޖާއެއް އިއުލާންކުރާނެތީ އެކަން އީސީއާ ހިއްސާކުރެއްވި ކަމަށެވެ. އަދި އެކަމާ ގުޅިގެން އީސީ ވަނީ އެ ދުވަހު މީޑިއާ ސެންޓަރެއް ގާއިމުކޮށް ވޯޓުފޮށި ދޮށުގައި އިއުލާންކުރާ ނަތީޖާ ހަމަހަމަ ކަމާއެކު ހުރިހާ މީޑިއާތަކަށް ވެސް ލިބޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް އިތުބާރު ނުކުރައްވާ ކަމަށް ތަކުރާރުކޮށް މިއަދު ވެސް އެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ދެންނެވި ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުގެ އިތުބާރު ހޯދަން އެ ބޭފުޅުން ބޭނުންވާ ކަމަށް ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވާހަކަތައް ދެއްކީމަ އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ ތިމަންނަމެންނަށް އިތުބާރުކުރައްވާށޭ. އަޅުގަނޑު މިއަދު ވެސް ތަކުރާރުކޮށް ދެންނެވިން އަޅުގަނޑުމެން އިތުބާރެއް ނުކުރަމޭ. އިތުބާރު ނުކުރަނީ މިހާތަނަށް ތިބޭފުޅުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބައިގެން އަމަލުކުރެއްވި ގޮތުންނޭ،" އިންތިހާބުގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވި އެވެ.