ނިއުކާސަލްގައި މަޑުކުރަން ނިންމައި ބެނިޓޭޒް ސަޕޯޓަރުން އުފާކޮށްދީފި
ނިއުކާސަލްގައި މަޑުކުރަން ނިންމައި ބެނިޓޭޒް ސަޕޯޓަރުން އުފާކޮށްދީފި

ލަންޑަން (މޭ 26) - ނިއުކާސަލް ޔުނައިޓެޑްގެ ސަޕޯޓަރުންގެ އެދުމުގެ މަތިން އެޓީމުގައި މަޑުކުރަން ސްޕެއިންގެ ކޯޗު ރަފައެލް ބެނިޓޭޒް ނިންމައިފި އެވެ.

ނިއުކާސަލް ކޯޗުކަމާ ބެނިޓޭޒް ހަވާލުވީ މިދިޔަ މާޗް މަހު އެވެ. ބެނިޓޭޒް އެ ކްލަބާ ހަވާލުވިއިރު އެ ޓީމު އޮތީ ރެލިގޭޝަނުގަ އެވެ. ނިއުކާސަލް ރެލިގޭޓް ވުމުން ބެނިޓޭޒް އެ ޓީމު ދޫކޮށްލާނެ ކަމަށް ކުރިން ބެލެވުނެވެ. ނިއުކާސަލްއާ ބެނިޓޭޒް ހަވާލުވިއިރު އޭނާ ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެ ޓީމު ރެލިގޭޓްވެއްޖެނަމަ ކްލަބްގައި މަޑުކުރުމާ މެދު ގޮތެއް ނިންމާނީ އޭނާ އެވެ.

ބެނިޓޭޒް ބުނީ އޭނާ ކްލަބްގައި މަޑުކުރަން ނިންމީ ސަޕޯޓަރުންގެ ތަރުހީބު ބޮޑުވެފައި އެ ކްލަބްގެ އަަސްލު މަގާމަށް ގެންގޮސްދިނުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

"ސަޕޯޓަރުންގެ ތަރުހީބު ފެނިފައި އަހަރެން ހައިރާންވި. ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އަހަރެން ކުރިން ގެންގުޅުނިން. އެކަމަކު އެ ނިންމުން ބަދަލުކުރަން ޖެހުނީ މި ކްލަބްގެ އަސްލު މަގާމަށް ގެންގޮސްދޭން ބޭނުންވާތީ. ނިއުކާސަލްގެ ސަޕޯޓަރުންގެ އިތުބާރު އަހަންނަށް އެބައޮތްކަން ފެނިއްޖެ. އޭގެ ބަދަލު ދޭން ބޭނުން،" ކުރިން ލިވަޕޫލާއި ޗެލްސީ އަށް ކޯޗުކޮށްދިން ބެނިޓޭޒް ބުންޏެވެ.

ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ނިއުކާސަލް ވަނީ ލީގުގެ 10 މެޗެއް ކުޅެފަ އެވެ. އެ 10 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ ތިން މެޗުންނެވެ. މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ދެކޮޅަށް ކުޅެ އެއްވަރުކުރިއިރު، ލީގުގެ ފަހު މެޗުން އެ ޓީމު ވަނީ ވާދަވެރި ޓޮޓެންހަމްގެ މައްޗަށް 5-1 އިން ކުރިހޯދައިފަ އެވެ.