20 ސެޕްޓެމްބަރ 2018 - 12:30

މެލްބަން (ސެޕްޓެމްބަރު 20) - ސްޓްރޯބެރީ އަށް ތިނޯސް ލުމަކީ ޓެރަރިޒަމާ އެއްވަރުގެ ނުބައި އަމަލެއް ކަމަށް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ.
ސްކޮޓް މޮރިސން ވަނީ އެ އަމަލު ހިންގި ބަޔަކަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. މޮރިސަން ވިދާޅުވީ އެކަން ކުރަމުން ދަނީ ވަރަށް ފަނޑި ބައެއް ކަމަށެވެ. އަދި އެކަން ކުރާ ބަޔަކަށް ބޮޑު ޖަލު ހުކުމެއް އަންނާނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް މޮރިސަން ގޮވާލެއްވި އެވެ.
"އެއީ ޓެރަރިޒަމުގެ އަމަލަކާ އެއްފަދަ ކަމެއްގެ ގޮތުގައި އަޅުގަނޑު ނަގަނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ ސްޓްރޯބެރީ އަށް ތިނޯސް ލާ ބަޔަކު އެކަން ކުރަނީ ކޮން ބޭނުމަކު ކަމެއް ނޭނގޭ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ ބަޔަކު އަދި ނުހޯދޭ ކަމަށް ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީން ތިނޯސް ފެންނަ މައްސަލަ މިދިޔަ ހަފުތާގައި ފުރަތަމަ ފާހަގަވެފައި ވަނީ ކްއީންސްލޭންޑުންނެވެ. އޭގެ ފަހުން ނިއު ސައުތު ވޭލްސް، ވިކްޓޯރިއާ، ދި އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ އަދި ސައުތު އޮސްޓްރޭލިއާ އާއި ޓެސްމޭނިއާ އިން ވެސް ފެނިފައިވެ އެވެ. ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ ބަޔަކު ގަސްދުގައި ހިންގާ ކަމެއް ކަމަށެވެ. ތިނޯހެއް އޮތް ސްޓްރޯބެރީއެއް ކެވުނު މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.
ސްޓްރޯބެރީން ތިނޯސް ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ސްޓްރޯބެރީގެ މާކެޓް ވަނީ ވެއްޓިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީގެ ޕީކް ސީޒަނުގައި ދިމާވި މައްސަލައާ ގުޅިގެން އެތައް ހާސް މަސައްކަތު މީހުންނަކަށް ވެސް ވަނީ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީ މާކެޓުގެ އަގަކީ އަހަރަކު 130 މިލިއަން އޮސްޓްރޭލިއާ ޑޮލަރެވެ. ކްއީންސްލޭންޑުން ވަނީ ދަނޑުވެރިންނަށް ބަދަލުގެ ގޮތުގައި އެއް މިލިއަން އޮސްޓްރޭލިއާ ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
ކްއީންސްލޭންޑް ސްޓޭޓް ސަރުކާރުން ވަނީ އެކަން ކުރާ ބަޔަކު ހޯދުމަށް މަގުފަހިވާފަދަ މައުލޫމާތެއް ދިން ފަރާތަކަށް 100،000 އޮސްޓްރޭލިއާ ޑޮލަރު (72،000 އެމެރިކާ ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.