08 އޯގަސްޓް 2016 - 15:49

ޑާކާ (އޮގަސްޓް 8) - ގާތްގަނޑަކަށް 1.6 މިލިއަން ސިނގިރޭޓާއި އިލެކްޓްރޯނިކްސް ސާމާނު ކޮންޓެއިނާއެއްގައި ޑާކާ އަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން އުތުރު ކޮރެއާގެ ޑިޕްލޮމެޓަކު ބަންގްލަދޭޝް އިން ފޮނުވާލައިފި އެވެ.
ޑާކާގައި ހުންނަ ނޯތު ކޮރެއާގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމުގައި ހުރި ހޭން ސޮން އެތެރެކުރަން އުޅުނު ތަކެތީގެ އަގު ގާތްގަނޑަކަށް ބައި މިލިއަން ޑޮލަރަށް އަރާ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ބުންޏެވެ. އޭނާ ފޮނުވާލީ މި މުދާތައް ޑިކްލެއާ ނުކޮށް އެތެރެކުރަން އުޅުމުންނެވެ.
ބަނގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ޝާހިދުލް ހައްގު ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފުވުމުން ޑިޕްލޮމެޓް އަނބުރާ ގެންދިއުމަށް ނޯތު ކޮރެއާ އަށް އަންގާފައިވާ ކަމަށެވެ.
ކަސްޓަމްސްގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ނޯތު ކޮރެއާގެ ޑިޕްލޮމެޓް މުދާ އެތެރެ ކުރަން އުޅުނީ އޭނާ އަށް ލިބިފައިވާ ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުން ކަމަށެވެ. އަދި މިއީ ކަޅު ބާޒާރަށް ވިއްކަން އެތެރެކުރަން އުޅުނު މުދާ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ޑިޕްލޮމެޓް އަންގާފައި ވަނީ އޭނާގެ ކާގޯ ކޮންޓެއިނާގައި ހުންނާނީ ކާ ތަކެއްޗާއި ލުއި ބުއިންތައް ކަމަށް. އެކަމަކު ކޮންޓެއިނާ ކަނޑައިގެން ބެލިއިރު އޭގައި ހުރީ 1.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓާއި އިލެކްޓްރޯނިކްސް،" ބަންގްލަދޭޝް ކަސްޓަމްސްގެ އިންޓަލިޖެންސް ޑިޕާޓްމަންޓުގެ ވެރިޔާ މުއީނުލް ޚާން ވިދާޅުވި އެވެ. "މާކެޓުގެ އަގަށް ބަލާއިރު މި ތަކެއްޗަށް ގާތްގަނޑަކަށް 35 މިލިއަން ޓާކާ (430،000 ޑޮލަރު) އަށް އަރާ. ލަފާކުރެވެނީ މިއީ މުދާ ސްމަގްލް ކުރާ ގޭންގަކަށް ވިއްކަން ގެނައި ތަކެތި ކަމަށް."
މިދިޔަ މާޗު މަހު ވެސް ވަނީ ނޯތު ކޮރެއާގެ ޑިޕްލޮމެޓަކު 27 ކިލޯގެ ރަން އެތެރެކުރަން އުޅެނިކޮށް ޑާކާ އެއާޕޯޓުން ހިފަހައްޓައިފަ އެވެ. މި ރަނުގެ އަގަށް 1.7 މިލިއަން ޑޮލަރު އަރަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ވެސް ވަނީ ނޯތު ކޮރެއާގެ އެހެން އޮފިޝަލަކު ވަގަށް ރާ އެތެރެކުރަނިކޮށް އަތުލައިގަތުމަށް ފަހު 2.5 މިލިއަން ޓާކާ އިން ޖޫރިމަނާކޮށްފަ އެވެ. ޑާކާގައި ހިންގި ނޯތު ކޮރެއާގެ ރެސްޓޯރެންޓެއްގައި ހުއްދަ ނެތި ރަލާއި މަސްތުވާތަކެތި އަދި ވިއަގްރާ ވިއްކަނިކޮށް އަތުލައިގަތުމަށް ފަހު އެ ތަން ވަނީ މިދިޔަ އަހަރު ބަންދުކޮށްފަ އެވެ.