ކުޅު ޖެހުމުން ކޮސްޓާ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް
ކުޅު ޖެހުމުން ކޮސްޓާ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް

ރޯމް (ސެޕްޓެމްބަރު 19) – ސަސުއޮލޯގެ ފެޑެރިކޯ ޑި ފްރެންސެސްކޯގެ މޫނަށް ކުޅުޖެހި މައްސަލައިގައި ޔުވެންޓަސްގެ ބްރެޒިލް ވިންގާ ޑަގްލަސް ކޮސްޓާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސަސުއޮލޯ އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި މިކަން ހިނގައިދިޔައީ އިތުރު ވަގުތުގެ ތެރޭގަ އެވެ. ޑި ފްރެންސެސްކޯ އަށް ބޮލުން ހަމަލާ ދިނުމުން އެންމެ ފުރަތަމަ ކޮސްޓާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު އޭގެ ހިނދުކޮޅެއް ފަހުން، އަނެއްކާ ވެސް ޒުވާބު ހިނގައި ކުޅު ޖެހުމުން ސީދާ ރަތްކާޑެއް ދެއްކީ އެވެ.

މި ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް ގެއްލޭނީ އިޓާލިއަން ލީގުގައި ފޮރޮސިނޯނޭ، ބޮލޯނިއާ، ނަޕޯލީ އަދި އުދިނޭޒީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެ އެވެ.

އެރޭގެ މެޗަށް ފަހު ކޮސްޓާ ވަނީ އޭނާ އަށް އުޅެވުނީ ހުތުރުގޮތަކަށް ކަމަށް އެއްބަސްވެ އެކަމަށް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެކަމަކު ޑި ފްރެންސެސްކޯގެ ކިބައިން މައާފަށް އެދިފައެއް ނުވެ އެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ކޮސްޓާގެ ފަރާތުން ފެނުނު ކަންތައްތައްތަކުގެ ސަބަބުން ކުޅުންތެރިންނަށް ހައިރާންކަން ލިބިފައިވާ ކަމަށާއި މިއީ އޭނާގެ ކިބައިން މީގެ ކުރިން ފެނިފައިވާ ކަމެއް ނޫން ކަމަށެވެ.

އުމުރުން 28 އަހަރުގެ ކޮސްޓާ އަކީ ޔުވެންޓަސްގެ ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. އަރިމަތިން ހަލުވި ކުޅުމެއް ކުޅޭ ކޮސްޓާގެ ބޭނުން، ކްރިސްޓިއާނޯ ރޮނާލްޑޯ ސެންޓަ ފޯވާޑަކަށް ކުޅުވާއިރު ޔުވެންޓަސް އަށް ވަރަށް ބޮޑެވެ.