ފާރިސް މަޖިލީހަށް ހާޒިރު ނުކުރި މައްސަލާގައި ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި ކޯޓަށް
ފާރިސް މަޖިލީހަށް ހާޒިރު ނުކުރި މައްސަލާގައި ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ނުކުރި މައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރިޝްވަތު ތުހުމަތެއްގަ އެވެ. އޭގެފަހުން މިދިޔަ ފެބްރުއަރީ މަހު އޭނާ ދޫކޮށްލުމަށް ފަހު އަނެއްކާވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭގެފަހުން މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވާ ކަމަށް ނިންމައި، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް އަޔަސް ފާރިސްގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލެ އެވެ.

ފާރިސްގެ ފަރާތުން ސިވިލް ކޯޓުގައި މިއަދު ދައުވާކުރީ މިދިޔަ ޖޫން މަހު އޭނާގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވުމާ ހަމައަށް އޭނާ ބަންދުގައި ހުރި މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ނުކުރި މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ.

މީގެ އިތުރުން އެ މުއްދަތުގައި ފާރިސް މަޖިލީހަށް ހާޒިރު ނުކުރުމުގެ ސަބަބުމުން ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދައުލަތުން އެ ދާއިރާގެ ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.

ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭ ކަމަށް މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި އޮތް މާއްދާ ކުރިން ސުޕްރީމް ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގައި އަދިވެސް އޮންނަނީ ގޮތުން ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭންޖެހޭ ގޮތަށެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޝްވަތުގެ ދައުވާ އަކާއި ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ.