ހިތް ހަލާކުވާވަރުގެ ފޮޓޯއަކާ އެކު އެއް ދުވަހުން 43،000 ޑޮލަރު
ހިތް ހަލާކުވާވަރުގެ ފޮޓޯއަކާ އެކު އެއް ދުވަހުން 43،000 ޑޮލަރު

ނިއު ދިއްލީ (ސެޕްޓެމްބަރު 19) - ކުޑަ ފިރިހެން ކުއްޖަކު އޭނާގެ މަރުވެފައިވާ ބައްޕަގެ ހަށިގަނޑުގެ ކައިރީގައި ހުރެ ހިތާމަކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާއްމުވުމާ އެކު އިންޑިއާގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ އެހީތެރިކަމާ އެކު އެއް ދުވަހުން ތިން މިލިއަން ރުޕީސް (43،829 ޑޮލަރު) އެ ކުއްޖާގެ އާއިލާ އަށް ހޯދައިދީފި އެވެ.

އެގާރަ އަހަރުގެ ކުޑަ ކުއްޖާގެ ފޮޓޯ ޓްވިޓާގައި ވަނީ 7،000 އަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފަ އެވެ. ކުއްޖާގެ ބައްޕަ އަނިލް، 27، އަކީ ވެރިރަށް ނިއު ދިއްލީގައި ޖަންކްޝަން ސާފު ކުރުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. އަނިލް މަރުވީ ޖަންކްޝަނަށް އޭނާ ފައިބަން އައްސާފައިވާ ވާގަނޑު ކަނޑައިގެން ގޮސް ޖަންކްޝަން ތެރެއަށް ވެއްޓުމުންނެވެ. ބައެއް އެސްޓިމޭޓްތަކުން ދައްކާ ގޮތުގައި އިންޑިއާގައި ޖަންކްޝަން ސާފުކުރާ މީހުނެގެ ތެރޭން އަހަރަކު 100 ވަރަކަށް މީހުން މަރުވެ އެވެ. ބައެއް ޖަމާއަތްތަކުން ބުނަނީ އެއީ ރައްކާތެރިކަމުގެ އެކަށީގެންވާ ސާމާނު ނެތި މަސައްކަތް ކުރާތީ ދިމާވާ މައްސަލަތައް ކަމަށެވެ.

ކުޑަ ކުއްޖާގެ ފޮޓޯ ހޯމަ ދުވަހު ޓްވީޓްކުރި ހިންދުސްތާން ޓައިމްސްގައި މަސައްކަތްކުރާ ރިޕޯޓަރެއް ކަމަށްވާ ޝިވް ސަނީ ބުނީ އެއީ އޭނާ އަށް ވެސް ފުން އަސަރުތަކެއް ކުރުވި މަންޒަރެއް ކަމަށެވެ.

"އަހަންނަކީ ކްރައިމް ރިޕޯޓަރެއް. އަހަންނަށް ވަރަށް ގިނަ އާދަޔާޚިލާފު ކަންކަމާ ދިމާވެފައިވޭ. އެކަމަކު މިވަރުގެ ކަމެއް ކުރިން ނުފެނޭ،" ރިޕޯޓަރު ބުންޏެވެ.

ސަނީ ބުނީ އޭނާ އެ ފޮޓޯ ނެގީ އަނިލްގެ ހަށިގަނޑު އެންދުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަމަށެވެ.

"އަހަރެން ބޭނުންވީ ޖަންކްޝަން ސާފުކުރުމުގެ ތެރޭގައި މަރުވާ މީހުންގެ މައްސަލަ ސަމާލު ކަމަށް ގެންނަން. އެ ފޮޓޯއިން އެ އާއިލާއެއްގެ ހިތާމަ ވަރަށް ރަނގަޅަށް ދައްކުވައިދޭ،" އޭނާ ބުންޏެވެ.

ސަނީ ބުނީ އަނިލްގެ ހަށިގަނޑު އެންދުމަށް ޚަރަދު ކުރާނެ ފައިސާ ވެސް އެ އާއިލާގައި ނެތް ކަމަށެވެ. އެކަން ކޮށްދިނީ އަވަށްޓެރިން ކަމަށް އޭނާ ބުންޏެވެ. އަވަށްޓެރިން ސަނީ ގާތު ބުނެފައި ވަނީ އަނިލްގެ ހަތަރު މަހުގެ ދަރިފުޅަށް ނިއުމޯނިއާ ޖެހިގެން ބޭސް ގަންނާނެ ފައިސާ އާއިލާގައި ނެތުމުން އެ ކުއްޖާ ވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަރުވެފައިވާ ކަމަށެވެ. ހަތް އަހަރާއި ތިން އަހަރުގެ އިތުރު ދެ ކުދިން އަނިލްގެ އަދި ތިބެ އެވެ.

ސަނީގެ ޓްވީޓަށް ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އުދޭ ފައުންޑޭޝަނުގެ ސަމާލުކަން ލިބިފަ އެވެ. އެ ޖަމާއަތުން ވަނީ ކްރައުޑްފަންޑިން ޕްލެޓްފޯމެއް މެދުވެރިކޮށް އަނިލްގެ އާއިލާ އަށް އެހީވުމުގެ މަސައްކަތް ފަށައިފަ އެވެ.

ސަނީ ބުނީ އަނިލްގެ އާއިލާ އަށް އެހީތެރިވާން ބޮލީވުޑުގެ ބަތަލުން ެސް އޭނާ އަށް ގުޅި ކަމަށެވެ.

ސަނީ ބުނި ގޮތުގައި އޭނާ ވަނީ އަނިލްގެ 11 އަހަރުގެ ދަރިފުޅާ ވެސް ވާހަކަ ދައްކައިފަ އެވެ. ކުޑަ ކުއްޖާ ސަނީ ގާތު ބުނެފައި ވަނީ ބައްޕަ ޖަންކްޝަން ސާފުކުރާން ދާއިރު އެ ކުއްޖާ ވެސް ދާ ކަމަށެވެ. އަދި އެ ގޮތަށް ދަނީ ބައްޕަ ޖަންކްޝަނަށް ފައިބާއިރު ހެދުމާއި ފައިވާން ވަގަށް ގެންގޮސްފާނެތީ އެ ތަކެތި ބަލަހައްޓަން ކަމަށް އެ ކުއްޖާ ބުނެފައިވެ އެވެ.

ސަނީ ބުނީ އަނިލްގެ އާއިލާ އަށް އެއްކޮށްދިން ފައިސާގެ އެހީގައި އޭނާގެ ކުދިން ސްކޫލަށް ކިޔަވަން ދެވޭނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އަނިލް ޖަންކްޝަނަށް ފައިބަން ޖަހާފައިވާ ވާގަނޑު އެކަށީގެންވާ ވަރަށް ވަރުގަދަ ނޫން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާ ހުރީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.