އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ބެލްސްޓާފަކީ 1924 ގައި އުފެދުނު، އެކި ވައްތަރުގެ ލެދަ ޖެކެޓާއި ހެދުމާއި އަތްދަބަހާއި ބޫޓު އުފައްދާ ބްރޭންޑެކެވެ. އެއީ އެންމެ ފުރަތަމަ މަތިންދާބޯޓެއްގައި އެޓްލާންޓިކް ހުރަސްކުރި ފުރަތަމަ އަންހެންމީހާ، އެމިލިޔާ އިޔާހާޓަށް ހެދުން ފަރުމާކުރި ބްރޭންޑެވެ. އެމިލިޔާގެ ދަތުރަށް 1928ގައި ލީ ހެދުމާއި ބޫޓަކީ އެކި ފިލްމުތަކާއި ވާހަކަ ފޮތްތަކުގައި މިހާރު އާއްމުކޮށް ފެންނަ ސްޓައިލެކެވެ. ބެލްސްޓާފް އިން އަނެއްކާވެސް މި ސްޓައިލް މަޝްހޫރު އެކްޓަރު ލިވް ޓައިލާއާ އެކު ނެރެނީ އެވެ.

ލަވަކިޔުންތެރިއާ ސްޓީވަން ޓައިލާގެ ދަރިފުޅު ލިވް ޓައިލާ އަކީ ބެލްސްޓާފްގެ ބްރޭންޑް އެމްބެސަޑާގެ އިތުރުން ކްރިއޭޓިވް ކޮންޓްރިބިއުޓާއެކެވެ. އޭނާގެ މި ކަލެކްޝަނަށް، އެމިލިޔާ ލައިގެން އުޅުނު ޖެކެޓާއި ބޫޓުން ހިޔާލު ހޯދައިގެން ސްޓަޑް ޖަހާފައި ހުންނަ އަތްދަބަސް، ލޭސް އަޕް ބޫޓު، ޝިޔާލިން ޖެކެޓް އަދި ބްލައުޒް ވަނީ ފަރުމާކޮށްފަ އެވެ.

ކޮންމެ އަންހެނަކު ވެސް ހެދުން އަޅަން ބޭނުން ވާނީ މޫސުމާ ގުޅޭ ގޮތުން ކަމަށް ޓައިލާ ބުންޏެވެ. ޓައިލާގެ މި ކަލެކްޝަން ދެން އޮންނަ ލަންޑަން ފެޝަން ވީކްގައި ވެސް ފެނިގެންދާނެ އެވެ.