20 ސެޕްޓެމްބަރ 2018 - 07:02

ދުއްވާ އެއްޗިހި ގިނަ މަގެއްގައި ބައިސްކަލު ދުއްވުމަކީ މާލޭގައި ގިނަ މީހުން ކަންބޮޑުވާ ކަމެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ކަން އޮތީ މިހެންނެވެ.

ބައިސްކަލު ދުއްވާނެ ވަކި ލޭންތަކެއް ކަނޑައަޅާފައިވާ އިގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ރޭގަނޑު ބައިސްކަލު ދުއްވުމަކީ މީހުން ޖެހިލުންވާކަމެކެވެ. ކުރިމަތިންނާއި ފަހަތުން ދިއްލުނަސް ފަހަތުން އަރައިގެން އަންނަ ބޮޑެތި އުޅަނދުފަހަރަށް ކުރިމަތިންދާ ބައިސްކަލުގެ ފުޅާމިން އަންދާޒާ ނުކުރެވެންޏާ ދަތިތަކަކާ ކުރިމަތިވެ، އެކްސިޑެންޓަށް މަގުފަހިވާގޮތް މެދުވެރިވެއެވެ. މިކަމަށްޓަކައި ސައިކަލް ކުންފުނިން އުފެއްދި އުފެއްދުމަކީ ވިންގްލައިޓްސް360 ބައްތިއެވެ.
މި ބައްތިއަކީ ބައިސްކަލުގެ މުއްގަނޑުގައި އަޅުވާ ބައްތިއެކެވެ. މި ބައްތި ދިއްލުމުން ދެ އަރިމަތިން ހުންނާނީ ދިއްލިފައެވެ. ބައިސްކަލު ދުއްވަމުންދާއިރު ކުރިމަތިންނާއި ފަހަތުންނާއި ދެފަރާތުން ދިއްލިފައިވާތީ ކުރިއަށް އަރައިގެންދާ އުޅަނދުތަކަށް ސާފުކޮށް ބައިސްކަލު ފެނި، ސަމާލުވާން އެނގޭނެއެވެ.
ވިންގްލައިޓްސް360 ފަރުމާކޮށްފައިވަނީ ވަރުގަދަ ލެޑް ބޮކި ބޭނުންކޮށްގެންނެވެ. ބޮކި ދިއްލިފައި ހުންނާނީ ހުދުކުލަ އާއި ރަތްކުލައިންނެވެ. ގޯޅިއަޅާއިރު ބޮތްކަށް އޮބާލުމުން ކުލަ އޮރެންޖަށް ބަދަލުވެއެވެ. މިހާރު އާންމުކޮށް ބައިސްކަލުގެ ކުރިމަތީ ބޮކި ދިއްލިފައި ހުންނާނީ ހުދުކުލައިންނެވެ. ފަހަތު ބޮކި ހުންނާނީ ރަތްކުލައިން ދިއްލިފައެވެ.
ވިންގްލައިޓްސް360 އަކީ ކުރިން އުފައްދާފައިވާ އުފެއްދުމަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ވިންގްލައިޓްސްގެ ނަމުގައި އޭރު އުފެއްދި ބައްތިއަށް މިފަހަރު އާ ނަމަކާއެކު ލިބުނު އިތުރު ފުރިހަމަކަމަކީ ޔޫއެސްބީ ޕޯޓަށް ޖަހާ ވާފަށަކުން ބައްތި ޗާޖުކުރެވޭނެގޮތް ހަމަޖެހުމެވެ. ސައިކްލް ކުންފުނިން ބުނާ ގޮތުގައި މިއީ މީގެ ކުރިން ނެރުނު ބައްތި ގަތް މީހުންގެ ޚިޔާލާ އެއްގޮތަށް ގެނެވުނު ބަދަލެކެވެ. ބައްތި ފުރިހަމައަށް ޗާޖުކުރަން ހޭދަވާނީ އެންމެ ބައިގަޑިއިރެވެ. އަދި ނިވާނުލައި ތިން ގަޑިއިރު ބޭނުންކުރެވޭނެއެވެ.
ވިންގްލައިޓްސް360 ބައްތިއަކީ ގެންގުޅެން ފަސޭހަ ބައްތިއެކެވެ. ބައިސްކަލުގައި އަޅުވާލާކަށް ވެސް އުނދަގުލެއް ނޫނެވެ. މި ބައްތި ފަރުމާކޮށްފައިވަނީ ބައިސްކަލުގެ މުއްގަނޑުގެތެރެއަށް އިސްކުރެއްހެން އަޅުވާ ބާރުކޮށްލެވޭ ގޮތަށެވެ. ރޭގަނޑު ދުއްވަންވީމާ ބައިސްކަލުގައި އަޅުވާލުމަށް ފަހު ދަތުރު ނިމުމުން ނަގާ ދަބަހަށްލާ ރައްކާކުރެވޭނެއެވެ. މި ބައްތި ޓެސްޓުކުރީ އިގިރޭސިވިލާތުގެ އެންމެ ބޯ ކެރިގަނޑުގަނޑުގެ ތެރޭގައެވެ. އެހެންވެ، ފެން ނުވަންނާނެ ކަމާއި ފަސޭހައިން ހަލާކުނުވާނެކަން ވަނީ ކަށަވަރުވެފައެވެ.
ވިންގްލައިޓްސް360 ބައްތި ދިއްލައިގެން ދުއްވަމުން ގޯޅި އަޅާއިރު ބޮކީގެ ކުލަ ބަދަލުވާތީ މިއީ އަތުގެ އިޝާރާތުން ގޯޅި އަޅާކަން އެންގުމުގެ އިތުރަށް، ރައްކާތެރިކަމުގެ ގޮތުން އެޅޭނެ އިތުރު ފިޔަވަޅެކެވެ.