19 ސެޕްޓެމްބަރ 2018 - 11:02

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންކުރާ ވޯޓު ކަރުދާހުގެ ތަފްސީލީ މައުލޫމާތު މިއަދު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބޭއްވުމުގެ ގިނަ ވެގެން ފަސް ދުވަސް ކުރިން އެ އިންތިހާބެއްގައި ވޯޓުލުމަށް ޗާޕު ކުރި ވޯޓު ކަރުދާހުގެ ޖުމްލަ އަދަދާއި ޗާޕު ކުރި ތަނުގެ މައުލޫމާތު އާންމުކުރަން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެ ކަރުދާހާ ގުޅޭ ތަފްސީލުތައް ކެންޑިޑޭޓުންނާއި މީޑިއާތަކަށް މިއަދު ހިއްސާ ކުރައްވާނެ ކަމަށެވެ. ވަކި ވަގުތެއް އަދި ނުނިންމަ އެވެ.
އިލެކްޝަންސް އިން މިހާރު ވަނީ ރަށްތަކަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފަ އެވެ.
* ވޯޓު ކަރުދާސް ޗާޕްކޮށްފައި ހުންނަންވާނީ އެކަށީގެންވާ މިންވަރަކަށް ވޯޓު ކަރުދާސް ހިމެނޭ ވަކިވަކި ފޮތްތަކުގައި
* ވޯޓު ކަރުދާސް ޗާޕް ކޮށްފައި ހުންނަންވާނީ ކައުންޓަ ފޮއިލް ހިމެނޭ ގޮތަށް، ކައުންޓަ ފޮއިލާއި އަދި ވޯޓުލާ ކަރުދާސްކޮޅާ ދެ ބައި ބުރިކޮށްލެވޭ ގޮތަށް ކައުންޓަ ފޮއިލްގައި ހީރަސް ޖަހައިގެން
* ކައުންޓަ ފޮއިލްގައި ސީރިއަލް ނަންބަރު ޖަހާފައި ހުންނަންޖެހޭ.
* ވޯޓު ކަރުދާސް ހުންނަން ވާނީ އެކި އިންތިހާބަށް އެކި ކުލަ ބޭނުންކުރާ އުސޫލުން، އިލެކްޝަނުން ކަނޑައަޅާ ވަކި ކުލައަކާއި ވަކި ކަރުދާހެއްގައި
* ވޯޓު ކަރުދާހުގައި އެއީ ކޮން އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެންގެން އޮންނަންވާނެ
އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދަނީ އިލެޝަންސް ކޮމިޝަން މިނިވަން ނޫން ކަމަށެވެ. އެ ކޮމިޝަނުން އިންސާފުވެރި އިންތިހާބެއް ނުބާއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އެކަމަކު، އެ ތުހުމަތުތަކަށް ރައްދު ދީ ކޮމިޝަނުން ބުނެފައި ވަނީ މި ފަހަރުގެ އިންތިހާބަކީ ދެ ފުށް ފެންނަ، އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި 472 ވޯޓު ފޮށި ބަހައްޓާ އިރު، މި ފަހަރުގެ އިންތިޚާބުގައި 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.