20 ސެޕްޓެމްބަރ 2018 - 07:05

ކަލާޒް ޗެނެލުން ދައްކަމުން އަންނަ ޓީވީ ސިލްސިލާތަކުގެ ތެރެއިން "އުޅާން" ވެސް ހުއްޓައިލުމަށް ފަހު، އެ ޗެނެލްގެ އިތުރު ސިލްސިލާއެއް އަނެއްކާ ވެސް ނިމުމަކަށް ގެންނަން ކަލާޒު ނިންމައިފި އެވެ.
މި ފަހަރު ހުއްޓާލަން ނިންމާފައި ވަނީ ޒުވާން ލޯބީގެ ވާހަކައެއް ކިޔައިދޭ "ތޫ އާޝިގީ" އެވެ. މި ސިލްސިލާއަކީ މިދިޔަ އަހަރު ދައްކަން ފެށި ސިލްސިލާއެކެވެ. މީގެ ލީޑް ތަރިންނަކީ ރިތުވިކް އަރޯރާ، ޖައްނަތު ޒުބައިރު ރަހްމާނީ އަދި ރާހިލް އަޒަމް އެވެ.
"ތޫ އާޝީގީ" ދައްކަމުން އަންނަތާ އަހަރެއްހާ ދުވަސް ފަހުން ސިލްސިލާ ނިމުމަކަށް ގެންނަ އިރު، މީގެ ފަހު އެޕިސޯޑް ކަލާޒުން ދައްކާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ ސިލްސިލާ ނިމުމަކަށް ގެންނަ އިރު "އިންޓަނެޓް ވާލާ ލަވް" ކިޔާ އާ ސިލްސިލާއެއް ކަލާޒުން ދާދި ފަހުން ވަނީ ދައްކަން ފަށައިފަ އެވެ.
"ތޫ އާޝިގީ" ދައްކަން ފެށީ ސެޕްޓެމްބަރު، 20، 2017 ގަ އެވެ. އޭގެ ފަހުން މިހާތަނަށް މި ސިލްސިލާގެ 260 އަށް ވުރެ ގިނަ އެޕިސޯޑް ވަނީ ގެނެސް ދީފަ އެވެ.
އާ ޝޯތަކަށް ޖާގަ ދެމުން، ކުރީގެ ޝޯތައް އަލްވަދާއު ކިޔުމަކީ ވާދަވެރިކަން ބޮޑު އިންޑިއާގެ ޗެނެލްތަކުގެ އާންމު އުސޫލެވެ.
"އުޅާން" އާއި "ތޫ އާޝިގީ" ފަދަ ސިލްސިލާތަކަށް ބެލުންތެރިން އަލްވަދާއު ކިޔާ އިރު، ކަލާޒްގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް" ސީޒަން 12 މިހާރު ވަނީ ދައްކަން ފަށައިފަ އެވެ.
އަދި ވަރަށް އަވަހަށް ފަށަން ހުރި ޝޯތަކުގެ ތެރޭގައި ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށްދޭ، "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަނާއި އަގުބޮޑު ތާރީހީ ސިލްސިލާ "ދާސްތާނޭ މުހައްބަތު" ހިމެނެ އެވެ.
ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "މުގްލޭ އާޒަމް" އާ އެއް ކަހަލަ ގޮތަކަށް ގެނެސްދޭ މި ސިލްސިލާގެ ތަރިންނަކީ ޝަހީރް ޝެއިހާއި ދާދި ފަހުން ސޮނީން ދެއްކި މަގުބޫލު ތާރީހީ ސިލްސިލާ "ޕްރިތުވީ ވައްލަބް" ގެ ބަތަލާ ސޮނާރިކާ ބަޑޯރިއާ އެވެ.
"ދާސްތާނޭ މުހައްބަތު" ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަ އިރު، އެ ސިލްސިލާ ފަށާނީ އަންނަ މަހުގެ 1 ގަ އެވެ.