19 ސެޕްޓެމްބަރ 2018 - 10:31

މެޑްރިޑް (ސެޕްޓެމްބަރު 19) - ރެއާލް މެޑްރިޑްގެ އެއް ވަނަ ގޯލްކީޕަރަކީ ކޮބައިތޯ ނޫސްވެރިން ތަކުރާރުކޮށްކުރާ ސުވާލުތަކަށް ސީދާ ޖަވާބެއް ދޭން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓީގް ބުނެފި އެވެ.
ފާއިތުވި ތިން އަހަރު ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، ގޯލު ބެލެހެއްޓީ ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނަވާސް އެވެ. ނަވާސް ހުއްޓައި ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ގެެނެސްފަ އެވެ.
ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ މުބާރާތުގައި ރެއާލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލުގެ ކޯޗު ލޮޕެޓީގަށް އެންމެ ގިނަ ސުވާލު އަމާޒުވީ އެ ޓީމުގެ ގޯލްކީޕަރުންނާ ބެހޭގޮތުންނެވެ.
"ގޯލްކީޕަރުންނާ ބެހޭގޮތުން އަހަރެން އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނެތް. އެއް ނަމްބަރު ކީޕަރަކީ ކާކުކަން ބުނަން ޖެހޭނެ ސަބަބެއް ނުވިސްނުނު. މިއީ އަހަރެންނަށް ވަރަށް ގިނައިން މިހާރު އަމާޒުވާ ސުވާލުތަކެއް،" ލޮޕެޓީގް ބުންޏެވެ.
އޭނާ ބުނީ މެޗުތަކުގައި ކުޅޭނެ ގޯލްކީޕަރެއް ނިންމާނީ ހާލަތާ އިދިކޮޅަށް ނުކުންނަ ޓީމާއި ފަރިތަކުރުންތައް ދާ ގޮތަށް ބެލުމަށް ފަހު ކަމަށެވެ.
"އަހަރެމެންގެ އެބަތިބި ވަރަށް ރަނގަޅު ގޯލްކީޕަރުންތަކެއް. މެޗުތަކުގައި ކުޅޭނެ ގޯލްކީޕަރުން ކަނޑައެޅުމުގައި ރަނގަޅު ނިންމުން ނިންމޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮވޭ. ކޮންމެ ކީޕަރެއް ކުޅުނަސް ޓީމުގެ ފެންވަރަށް ބަދަލެއް ނާންނާނެ. މޮޅު ދެ ކީޕަރުން ތިބުމުގެ ފައިދާ އެއީ،" ކުރިން ސްޕެއިން ގައުމީ ޓީމަށް ކޯޗުކޮށްދިން ލޮޕެޓީގް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުން ކޯޓުއާ ގެނައިރު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އޭނާ އަކީ އެ ޓީމުގެ އެއް ވަނަ ކީޕަރުކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ލޮޕެޓީގު ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
"ތި ވާހަކަ ތަކުގައި ހަގީގަތެއް ނެތް. ކޭލޯ (ނަވާސް) އަކީ ވަރަށް މޮޅު ކީޕަރެއް. ހަމަ އެ ގޮތަށް ކޯޓުއާ ވެސް. ކޭލޯގެ ކާމިޔާބީތަކުގެ އަގު ރެއާލުން ވަޒަންކުރޭ،" ލޮޕެޓީގް ބުންޏެވެ.
ރެއާލާއި ރޯމާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.