މަތިންދާބޯޓުގެ ވައިރަލް ވީޑިއޯ އަކީ ފޭކެއް
މަތިންދާބޯޓުގެ ވައިރަލް ވީޑިއޯ އަކީ ފޭކެއް

މަތިންދާބޯޓެއް ޖައްސަން އަންނަނިކޮށް، 360 ޑިގްރީ އަށް އެނބުރޭތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ. ޗައިނާ އާއި ފިލިޕިންސަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ބާރުގަދަ ތޫފާނުގެ ތެރޭގައި ދިމާވި ހާދިސާއެއް ކަމަށް ބުނެ އާންމުކޮށްފައިވާ މި ވީޑިއޯ އެތައް ހާސް ފަހަރަކު ސޯޝަލް މީޑިއާގައި ވަނީ ޝެއާކޮށްފަ އެވެ.

އެކަމަކު މިހާރު ބުނަނީ މިއީ ފޭކް ވީޑިއޯއެއް ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު، ޖޭމްސް ޖޯޑަން މި ވީޑިއޯ އާންމުކުރީ ހޮންކޮންގުގައި ތިބި އެކުވެރިން ގަދަވެ ސަލާމަތުން ތިބި ކަމަށް އުންމީދު ކުރާ ކަމަށް ބުނެ ލިޔެފައިވާ ކެޕްޝަނަކާ އެކުގަ އެވެ. އަދި މި މަތިންދާބޯޓު ދުއްވަން އިން ޕައިލެޓަށް މެޑަލެއް ދޭންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު މިއީ ޓައިމްސް ނިއުސް އިންޓަނޭޝަނަލް އިން ހަދާފައިވާ ވީޑިއޯއަކުން ނަގާފައިވާ ތަންކޮޅެއްކަން މިހާރު ވަނީ އެނގިފަ އެވެ.

މި ވީޑިއޯ ކްލިޕް 2.7 މިލިއަން ފަހަރު ބަލައި، ބައި ލައްކަ އަށް ވުރެ ގިނަ ލައިކްސް ލިބިފައި ވަނިކޮށް، ވީޑިއޯ ޝެއާކުރި ޖޭމްސް މިހާރު ވަނީ އެއީ ފޭކް ވީޑިއޯއެއް ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ބުނެފައި ވަނީ އޭނާ އަކީ "ކުރިން ހީކުރި ވަރަށް ވުރެ ވެސް ގަމާރު" މީހެއް ކަމަށެވެ.

މި ވީޑިއޯގެ އެހެން ވާޝަނެއް ވެސް ވައިރަލް ވެފައިވެ އެވެ. އެ ވީީޑިއޯ ވެސް 4.1 މިލިއަން ފަހަރު ބަލައި، 60،000 އަށް ވުރެ ގިނަ ފަހަރު ވަނީ ޝެއާކޮށްފަ އެވެ. އެކަމަކު މިހާރު އެނގޭ ގޮތުގައި މިއީ އެއްވެސް ގުޅުމެއް ވެސް ނެތް ދެ ވީޑިއޯ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ކިޔަމުން ދިޔައީ އެހާ ގަދަ ވައިގެ ތެރޭގައި ވެސް ބޯޓު މިއޮތީ ސަލާމަތުން ޖައްސާފައި ކަމަށެވެ.

މި ދެ ވީޑިއޯ ދިވެހިންގެ އެތައް ބަޔަކު ވެސް ޝެއާކޮށްފައިވެ އެވެ. އެކަމަކު ދެން ރަނގަޅުވާނީ އެކަން ހުއްޓާލިއްޔާ އެވެ.