"ލަވްރާތުރީ"ގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި
"ލަވްރާތުރީ"ގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި

ސަލްމާން ހާން ޕްރޮޑިއުސްކޮށް، އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ލަވްރާތުރީ" ގެ ނަމާ ދޭތެރޭ ހިތްހަމަނުޖެހިގެން ހިންދޫންގެ ޖަމާތަކުން ކޯޓަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފިލްމުގެ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްފި އެވެ.

އަބިރާޖް ކޭ މިނަލާވާ ޑައިރެކްޓްކޮށްފައިވާ ފިލްމަށް ނަން ދީފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ހިންދޫން އީދެއްގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރާ ނަވްރާތުރީއާ ގުޅުވައިގެންނެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެ ފެސްޓިވަލްގެ ތެރެއިން ދިމާވާ ޒުވާން ދެ ލޯބިވެރިއަކަށެވެ.

އަންނަ މަހުގެ 5 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ނަން ބަދަލުކުރަން "ލަވްރާތުރީ" ގެ ޓީމަށް މަޖުބޫރުކޮށްފައިވާ އިރު ވިޝްނޫ ހިންދޫ ޕަރިޝާދު ކިޔާ ޖަމާއަތުން ބުނީ ހިންދޫންގެ ފެސްޓިވަލެއްގެ ނަން ހަރާބުވާ ގޮތަށް ފިލްމް ގެނެސްދޭ ނަމަ އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

އެ ޖަމާއަތުގެ ރައީސް އަލޯކް ކުމާރް ކުރިން ބުނި ގޮތުގައި ފިލްމަށް "ލަވްރަތުރީ" ގެ ނަން ދީގެން އިންޑިއާގައި ރިލީޒް ކުރިޔަ ނުދޭނެ އެވެ. އަދި އެ ނަމުގައި ފިލްމު ރިލީޒް ކުރާ ނަމަ އެކަމާ ދެކޮޅަށް ނުކުމެ މުޒާހަރާތައް ވެސް ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

ނަމަވެސް ނަމުގެ މައްސަލަ މާ ބޮޑު ކަމަކަށް ނަހަދައި ސަލްމާން ވެސް ވަނީ ފިލްމުގެ އާ ނަމާ އެކު ޕޯސްޓަރު ވެސް ހިއްސާކޮށްފަ އެވެ. ޓްވިޓާގައި އޭނާ ހިއްސާ ކުރި ޕޯސްޓަރަކާ އެކު ބުނީ "ލަވް ޔާތުރީ" އަކީ ލިޔުމުގެ ކުށެއް ނޫން ކަމަށާއި އެއީ މިހާރު ފިލްމަށް ދީފައިވާ ނަން" ކަމަށެވެ.

ސަލްމާންގެ ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އާޔޫޝްއާ އެކު "ލަވް ޔާތުރީ" ގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ ވަރީނާ ހުސައިނެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ރޯނިތު (ބަޖާޖް) ރޯއި، ރާމް ކަޕޫރް، ޕްރަޗީ ޝާހް އަދި އަންޝުމަން ޖާ ހިމެނެ އެވެ. އަދި ފިލްމްގެ ހާއްސަ ފެނިލުމަކުން ސަލްމާނާއި އޭނާގެ ދެ ފިރިހެން ކޮއްކޮ އިން ކަމަށްވާ އަރްބާޒް ހާނާއި ސޮހެއިލް ހާން ވެސް ފެނިގެން ދާނެ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ ފިލްމްތަކުގެ ނަންތަކާ ދެކޮޅަށް ބަޔަކު ނުކުތުމުން ނަން ބަދަލު ކުރަން ޖެހިފައި އެބަ ހުއްޓެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ.

އެ ފިލްމްގެ ނަން "ޕަދްމާވަތީ" އިން "ޕަދްމާވަތު" އަށް ބަދަލު ކުރަން ޖެހުނީ ބަޔަކު ނަމުގެ މައްސަލަ ޖެއްސުމުން، ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ އެންގުމަކަށެވެ.