19 ސެޕްޓެމްބަރ 2018 - 07:40

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެކްޓަރު ރަންވީރް ސިންގްއާ ކައިވެނި ކުރަން އުޅޭތީ ބަތަލާ ދީޕިކާ ޕަދްކޯން އާ ފިލްމަކަށް ސޮއި ނުކުރަން އުޅޭ ކަމަށް ބުނަމުން ދަނިކޮށް އޭނާ ފިލްމަކަށް ސޮއިކޮށްފި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.
ޑީއެންއޭ އިން ބުނި ގޮތުގައި މި އަހަރު 585 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި "ޕަދްމާވަތު" ގައި ޓައިޓްލް ރޯލް ކުޅުނު ބަތަލާ ސޮއިކޮށްފައި ވަނީ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމަކަށެވެ.
ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
މެގްނާއަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އާލިއާ ބަޓްގެ "ރާޒީ" ގެ ޑައިރެކްޓަރެވެ.
މީޑިއާތަކުން ބުނީ ދީޕިކާ ސޮއި ކުރި، މެގްނާގެ އާ ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށާއި ފިލްމާ ބެހޭ ގޮތުން އެ ދެ މީހުން ވަރަށް ބޮޑަށް މަޝްވަރާ ވެސްކޮށްފައިވާ ކަމަށެވެ.
ޖެނުއަރީ މަހު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ދީޕިކާ ކުޅެން އޮތީ އިރްފާން ހާނާ އެކު ކުޅެން އޮތް ވިޝާލް ބަރަދްވާޖް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ނަމަވެސް އިރްފާނަށް ބޮޑު ބައްޔެއް ޖެހިގެން ދިގު މުއްދަތަކަށް ގައުމުން ބޭރަށް ދާން ޖެހުމުން، އެ ފިލްމު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
އޭގެ ފަހުން ދީޕިކާ އަށް ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އާ ފިލްމަކަށް ސޮއި ނުކޮށް އޭނާ ހުރީ މަޑުކޮށްލައިގެންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދީޕިކާ އާއި ރަންވީރް ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އިޓަލީގެ ހިތްގައިމު ލޭކް ކޯމޯގަ އެވެ.
ކައިވެންޏަށް ތައްޔާރުވާތީ ދީޕިކާ ފިލްމަކަށް ސޮއި ނުކޮށްގެން އުޅޭ ކަމަށް މީޑިއާތަކުން ބުނަމުންދާ އިރު، ރަންވީރު އަންނަނީ ފުލުފުލުގައި ފިލްމްތަކަށް ސޮއި ކުރަމުންނެވެ.
ޑިސެމްބަރު މަހުގެ 28 ގައި ރިލީޒް ކުރާ "ސިމްބާ" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެކްޓަރުގެ ކުރިއަށް ހުރި އިތުރު ފިލްމްތަކިގެ ތެރޭގައި ޒޯޔާ އަހްތަރުގެ "ގަލީ ބޯއީ"، ކަބީރް ހާންގެ "83" އަދި ކަރަން ޖޯހަރްގެ "ތަހުތު" ހިމެނެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ދީޕިކާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ ހަތަރު ވަނަ ބައިގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށަން ނިންމާފައިވާ އިރު، އެ ފިލްމުގެ ޑައިރެކްޓަރު ޑީޖޭ ކަރޫޒޯ ވަނީ އާ ފިލްމުން ވެސް ދީޕިކާ ފެންނާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު އެ ފިލްމާ ބެހޭ ގޮތުން ވެސް މިހާތަނަށް ދީޕިކާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.