އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ބެހޭ އާ ރިޕޯޓެއް ނެރެފި
އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ބެހޭ އާ ރިޕޯޓެއް ނެރެފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާ ގުޅޭ އާ ރިޕޯޓެއް ބޭރުގެ ޖަމިއްޔާއަކުން ނެރެފި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނާ ގުޅޭ ގޮތުން މިފަހަރު ތަހުގީގީ ރިޕޯޓެއް ތައްޔާރުކުރީ، ގައުމުތަކުގެ ވެރިންނާއި މަޝްހޫރު އެތައް ބައެއްގެ ސިއްރު ވިޔަފާރިތައް ފަޅާއަރުވާލި ޕެނަމާ ޕޭޕާސްތައް އާންމުކުރި އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (އޯސީސީއާރްޕީ) އިންނެވެ.

އެމްއެމްޕީއާރްސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ގޮތުން މީގެ ކުރިން ވަނީ އަލްޖަޒީރާ ޓީވީން ޑޮކިއުމެންޓްރީއެއް ވެސް ގެނެސްދީފަ އެވެ. "ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭނާގެ ބައެއް އެކުވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެކި ބޭފުޅުންނަށް ޚިޔާނާތާއި ފަސާދައިގެ ބޮޑެތި ތުހުމަތުތައް ކޮށްފައިވެ އެވެ. އޯސީސީއާރްޕީން "ޕެރަޑައިޒް ލީޒްޑް: ދަ ތެފްޓް އޮފް ދި މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓްގައި ވެސް މި ތުހުމަތުތަކާ އެކު، ބައެއް އާ މައުލޫމާތު ހާމަކޮށްފައިވެ އެވެ.

މި ރިޕޯޓްގައި ވެސް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ނަމަވެސް މީގެ ކުރިން އެ ބޭފުޅުން ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި ވަނީ އިލްޒާމު އަޅުވައިފަ އެވެ.

އަލަށް ނެރުނު ރިޕޯޓްގައި، ރިސޯޓް ތަރައްގީކުރުމަށް ނުއަގުގައި ރަށްތައް ދޫކުރި ގޮތާއި އެ ރަށްތައް ލިބުނު، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޮޑެތި ބައެއް ވިޔަފާރިވެރިންގެ ނަންތައް ހާމަކޮށްފައިވެ އެވެ. މިއީ އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މީގެ ކުރިން އާންމުކޮށްފައިވާ ޑޮކިއުމެންޓްތަކާއި އަދީބުގެ މޯބައިލް ފޯނުގައި ހުރި މެސެޖުތަކާއި ފޮޓޯ ފަދަ ތަކެއްޗަށް ބަލައިގެން ހޯދާފައިވާ މައުލޫމާތެވެ.

އޯސީސީއާރްޕީން ބުނެފައިވާ ގޮތުން، ރިޕޯޓްގައި ތުހުމަތު ރައްދުވާ މީހުންނަށް، ރިޕޯޓް ތައްޔާރުކުރި ނޫސްވެރިން ވަނީ ޖަވާބުދާރީ ވުމަށް ފުރުސަތު ދީފަ އެވެ. އެކަމަކު އެއްވެސް މީހަކު އޯސީސީއާރްޕީ އަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވި ކަމަށް ބުނެފައިވެ އެވެ.