19 ސެޕްޓެމްބަރ 2018 - 07:44

މިހާރު ކޮންމެ މީހަކީ ވެސް ކޮންމެވެސް ފެންވަރެއްގެ ފޮޓޯގްރާފަރެކެވެ. އަތުގައި އޮންނަ ސްމާޓްފޯނުން ފޮޓޯ ނުނަގާ މީހަކު މަދުވާނެއެވެ. މިކަމަށް ވަކި އުމުރެއް، ވަކި ޖިންސެއް، ވަކި ފަންތިއެއް ނޯވެއެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކީ އެންމެ މޮޅު ފެންވަރުގެ ފޮޓޯ ނެގޭނެ ހުރިހާ އާލާތެއް ހަމަކުރާނެ މީހަކަށް ނުވެދާނެއެވެ. ހަމަކުރަން ބޭނުންވިޔަސް އެފަދަ ތަކެތި ގެންގުޅުމުގައި އުފުލަންޖެހޭ ތަކުލީފުތަކުގެ ސަބަބުން ފަހަތަށް ޖެހޭތަން އަންނަނީއެވެ. ލުމާޕޮޑްއަކީ މިފަދަ މީހުންނަށް ވަރަށް ކަމުދާނެ އާލާތަކަށްވާނެއެވެ.

މިއީ ޓްރައިޕޮޑްގެ ދުނިޔެއަށް އުފަންވި އެންމެ ފައްކާ އެއް ޓްރައިޕޮޑެވެ. މިއީ ފޮޓޯ ނަގާ ކެމެރާ ބަހައްޓާ ހަރެކެވެ. އާންމު ގޮތެއްގައި ޓްރައިޕޮޑް ގެންގުޅޭނީ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނެވެ. ގިނަ ފަހަރަށް، ބާޒާރުގައި ވިއްކަން ހުންނަ ޓްރައިޕޮޑްތަކަކީ އުފުލަން ބަރު، ގެންގުޅެން އުދަނގޫ އެއްޗެކެވެ. ރާވަން ވެސް އެތައް ވަގުތެއް ހޭދަވެއެވެ. ނަމަވެސް ލުމާޕޮޑްއަކީ އަތަށް ލުއި، ގެންގުޅެން ފަސޭހަ، ރާވާލަން އަވަސް ޓްރައިޕޮޑެކެވެ.
ލުމާޕޮޑް ފަރުމާކޮށްފައިވަނީ އާދައިގެ ޓްރައިޕޮޑަށްވުރެ އަވަހަށް ރާވާލެވޭ ގޮތަށެވެ. ފަތްޖަހާލުމުން އަތަށް ހެޔޮވަރު ދަނޑިއެއްހެން ސިފަވިޔަސް ފަތްޖަހާ ކުޑައެއް ހުޅުވާލާއިރު ދަމާލާހެން ދަމާލުމުން ފައިކަށިތައް ނިއުޅުވެއެވެ. އަދި ހަމައެއާ އެކު ފައިކަށިތަކާ ގުޅިފައިވާ ދުނިތަކުގެ އެހީގައި މި ޓްރައިޕޮޑް ކޮޅަށް ބެހެއްޓެއެވެ. ފައިތަކުގެ ކައްތިރިއަކީ މި ދުނިތަކެވެ.
ލުމާޕޮޑް ރޫޅާލުމަށްފަހު ބަހައްޓާލަން ހައެއްކަ ސިކުންތުވެސް ހޭދައެއް ނުވާނެއެވެ. ބޭނުންކޮށް ނިމުމުން ފައްޖަހާލަންވެސް ހޭދަވާނީ އެހާ ކުޑަ ހިނދުކޮޅެކެވެ. މި ޓްރައިޕޮޑް އުފައްދާފައިވަނީ އެންމެ ވަރުގަދަ އެލުމިނިޔަމުންނެވެ. ދުނިތައް ފަރުމާކޮށްފައިވަނީ ކެވްލާ މަރުކާގެ ބާރުގަދަ ވަލަކުންނެވެ.
ލުމާޕޮޑްއަކީ ދަތުރުދާ އާއިލާތަކަށާއި މުނިފޫހިފިލުވުމުގެ ގޮތުން ފޮޓޯނަގާމީހުންނަށާއި، ކުޅިވަރު މުބާރާތްތަކާއި މިނޫނަސް ބޮޑެތި އިވެންޓުތަކުގައި ފޮޓޯނަގަން ބޭނުން ކުރެވިދާނެ އާލާތެކެވެ. މިވަގުތު ލުމާޕޮޑް ލިބެންހުރީ ދެ ސައިޒަކުންނެވެ. އެއީ ލުމާޕޮޑް ގޯ85 އާއި ލުމާޕޮޑް ގޯ120އެވެ. ގޯ85ގައި ބެހެއްޓޭނީ ކިލޯއެއް ހަމަނުވާ ފޯނާއި ކެމެރާއާއި ގޯޕްރޯއެވެ. ގޯ120 ގައި 2 ކިލޯ ހުންނަ ވަރުގެ ކެމެރާ އެޅުވޭނެއެވެ. އަދި މި ބާވަތުގެ ލުމާޕޮޑްގެ ފައިކަށިވެސް ބަދަލުކުރެވެއެވެ. ބޭނުންނަމަ ފުރޮޅެއްވެސް އަޅުވާލެވިދާނެއެވެ. މި ޓްރައިޕޮޑް ބޭނުންކޮށް ނިމުމުން ފަތްޖަހާލުމަށް ފަހު ދަބަހަށްލާންވީއެވެ. އެކަމުގައި ވެސް އެއްވެސް ތަކުލީފެއް ނެތެވެ.