18 ސެޕްޓެމްބަރ 2018 - 12:58

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިއްޔެ އޭނާގެ އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަޖުބޫރުކުރެއްވި ކަަމަށް ބުނާ މައްސަލައިގައި ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަހީބު ވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެކްޓްވިސްޓް ސޮފްވާން އޭނާ ރަހީނު ކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށާއި އޭނާ އަށް ސެކިއުރިޓީ ދިނުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރޭތޯ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާނާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "މި ވަގުތު އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް،" ކަމަށެވެ.
އެހެން ކަމުން އެ މައްސަލަ ތަހުގީގު ކުރޭތޯ އަދި އެކަމާ ގުޅިގެން އެއްވެސް މީހަކާ ސުވާލު ކުރި ކަމެއްވެސް ސާފުވާ ގޮތެއް ނުވި އެވެ.
ޝަހީބުގެ ތުހުމަތު ސޮފްވާން ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ "ޝަހީބަށް ބިރު ދައްކައި، ރަހީނުކޮށްފައި ނުވާނެ" ކަމަށެވެ.
ޝަހީބު ވިދާޅުވި ގޮތުގައި ސޮފްވާން އޭނާ ރަހީނު ކުރީ އިއްޔެ ހެނދުނު ކޮމިޝަންގެ މީޓިންއެއްގައި އިންނަވަނިކޮށް ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ވިދާޅުވެ ޝަހީބުގެ ކޮޓަރި އަށް ގެންގޮސްގެންނެވެ. އެއަށް ފަހު ޝަހީބު އޭނާގެ ކޮޓަރިން ނުކުތަ ނުދީ ސޮފްވާން ދޮރު ތަޅުލީ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ ސޮފްވާން ތިން ކަމަކަށް ޑިމާންޑްކުރެއްވި ކަމަށް ޝަހީބު ވިދާޅުވި އެވެ. އެއީ އަށް ދުވަހުގެ ޗުއްޓީއެއް ނެންގެވުމަށާއި އެކަން ނުކުރެއްވޭ ނަމަ އިސްތިއުފާ ދެއްވުން ނުވަތަ ބްރޯޑްކޮމްގެ ރައީސްގެ މަސްއޫލިއްޔަތުތައް، އަށް ދުވަހަށް، ކޮމިޝަންގެ ނައިބު ރައީސާ ހަވާލުކޮށް މެމޯއެއް ނެރުއްވުމެވެ.