18 ސެޕްޓެމްބަރ 2018 - 10:45

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ ހުޅުވާތީ ސިނަމާލެ ބްރިޖް މިއަދުގެ ވަކި ވަގުތުތަކެއްގައި، ދެ ގަޑިއިރަށް، އާއްމު ދަތުރުފަތުރަށް ބަންދުކުރަން ހަމަޖައްސައިފި އެވެ.
ފުލުހުން ނެރުނު ޓްރެފިކް އެލާޓެއްގައިވާ ގޮތުން ބްރިޖް ބަންދުކުރާނީ މިއަދު ހަވީރު 3:15 ން 4:15 އަށް އަދި ހަވީރު 5:30 އިން 6:30 އަށެވެ.
މިއީ ބްރިޖް އާއްމު ދަތުރުފަތުރަށް މި މަހުގެ ހަތެއްގައި ހުޅުވާލި ފަހުން ބަންދުކުރާ ފުރަތަމަ ފަހަރެވެ.
އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ގޮތުން އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓު ހުޅުލެއަށް ޖައްސާނީ 3:30 ގަ އެވެ.
އެ މަތިންދާބޯޓު ޖެއްސުމަށް ފަހު ދެން އޮންނާނީ ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖެހުން ވެސް އޮންނާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށްދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި ރަންވޭ ހުޅުވުމުގެ ހަރަކާތްތައް ފެށޭނީ ފްލައި ޕާސް އަށް ފަހު 4:10 ގަ އެވެ. އެ ހަރަކާތް ކުރިޔަށް ދާނީ އެއާޕޯޓުގެ އުތުރު އޭޕްރަން ސަރަހައްދުގަ އެވެ.
މިއަދު އިފްތިތާހުކުރާ، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެނގިފައިވާ ގޮތުގައި، ރާއްޖެ އަންނަ އޭ380 ގެ ޕައިލެޓަކަށް އިންނާނީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ.