18 ސެޕްޓެމްބަރ 2018 - 11:17

ސައުތު އޭޝިއާ ޓްރެވަލް އެވޯޑު (ސަޓާ) އެވޯޑުގެ ލީޑިން އެއާޕޯޓު ލައުންޖްގެ އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ލީލި ލައުންޖަށް އަނެއްކާވެސް ލިބިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގެ ތާޖުމަހަލް ހޮޓަލުގައި ބޭއްވި އެވޯޑު ދިނުމުގެ ހަފުލާގައި ވީއައިއޭއަށް ލިބުނު އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓާމިނަލް ސާވިސަސް ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސެއިން (ދޮނާ) އެވެ.
މިއީ އެ އެވޯޑު ވީއައިއޭގެ ލީލި ލައުންޖަށް ލިބުނު ދެވަނަ ފަހަރެވެ.
އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގެ މަތީގައި ހުންނަ 150 މީހުންގެ ލައުންޖުގައި ފަސްޓް ކްލާސް ލައުންޖް އޭރިއާއެއް ޕްރިމިއަމް ފަސިންޖަރުންނަށް ހުރެ އެވެ. ހެނދުނު 6:30 ން ފެށިގެން އެ ދުވަހުގެ އެންމެ ފަހު ފްލައިޓް ފުރުމާ ހަމަޔަށް އެ ލައުންޖުން ހިދުމަތް ލިބެންހުރެ އެވެ.
އެ ލައުންޖުން ފްލައިޓް ދަތުރުތަކާ ބެހޭ މައުލޫމާތު ވަގުތުން ލިބެންހުރެ އެވެ. އަދި އެތަނުން ސޮފްޓް ޑްރިންކާއި އެކި ވައްތަރުގެ ކެއުންތައް ވެސް ލިބެންހުރެ އެވެ.